ކްރިމިނަލް ކޯޓާއި ތިން މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި

ކްރިމިނަލް ކޯޓާއި ތިން މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކޮށްފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ އެ ފަނޑިޔާރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށެވެ. ...

13 Sep 2021 | 07:26

ކްރިމިނަލް ކޯޓާއި ތިން މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ އެ ފަނޑިޔާރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުންނަކީ އދ. މާމިގިލި، ފްރީޕާކް، އަލީ ނަދީމް އަދި ހ. އަސްރަފީވިލާ، އިސްމާއިލްއެވެ·

ނަދީމް ވަނީ މިސްރުގެ އަޒްހަރު ޔުނިވާސިޓީއިން ގާނޫނީ ޑިގްރީ ހާސިލް ކުރައްވާފައެވެ. އޭނާ ވަނީ ޕީޖީ އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ދުހިމަތް ކުރައްވާފައެވެ.

ޝާފިއު ވަނީ ޔޫކޭގެ ކާޑިފް ޔުނިވާސިޓީއިން ބެޗެލާރސް އޮފް ލޯ ހާސިލްކުރައްވާފައެވެ. އަމިއްލަ ލޯ ފާމް ތަކުގައިވެސް ވަކީލެއްގެ ހައިސިއްޔަތުން ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެވުނު ތިން ފަނޑިޔާރުންނަކީ:

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، އަބްދުއްސަލާމް.

ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.މާމެންދޫ، މައިސަން، ވިޝާހް ވަޖީދް.

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ބ.ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދު

މީގެ ތެރެއިން އިފްހާމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ ވިތް އޮނާސް ހާސިލްކުރައްވާފައެވެ. އޭގެ އިތުރުން، އިފްހާމް ވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަގާމުގައި ހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ޢަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައެވެ. އޭނާ ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި ހަތަރު އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ވިޝާހް ވަޖީދް އަކީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަގާމުގައި އެއް އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމު ހާސިލްކުރެއްވީ އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް