އިންސާނީ ވަގު ވިޔަފާރި ހުއްޓުވަން އެންމެ ގިނަ މަސައްކަތް ކުރެވުނީ މި ސަރުކާރަށް: ފައްޔާޒް

ރާއްޖެގައި ހިންގަމުންދާ އިންސާނީ ވަގު ވިޔަފާރި ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވި...

13 Sep 2021 | 06:35

ރާއްޖެގައި ހިންގަމުންދާ އިންސާނީ ވަގު ވިޔަފާރި ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު މަޖިލިހަށް ހާޒިރު ކުރީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބިދޭސީންގެ މައްސަލައިގަ ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގައި 2،81000 އަށްވުރެ ގިނަ ބިދޭސީން އުޅޭ ކަމަށެވެ. އޭގެ ތެރެއިން ލައްކަ އަކަށްވުރެ ގިނަ ބިދޭސީންނަކީ ބަންގްލަދޭޝް މީހުން ކަމަށާއި ސައްހަ ލިޔެކިޔުމުގައި ރާއްޖެގައި މަސައްކަތް ކުރަމުން ދަނީ އެ ގައުމުގެ 63،754 މީހުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބާކީ ތިބި މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖެގައި މަސައްކަތް ކުރާ މީހުންނަށް ވާއިރު އިންސާނީ ވަގު ވިޔަފާރި ރާއްޖެގައި ހިންގަނީ ބަންގްލަދޭޝް މީހުން ބޭނުން ކޮށްގެން އެކަނި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުން އަނބުރާ ފޮނުވާލުމަށް މި ސަރުކާރުން މުހިންމު ބުރަ މަސައްކަތްކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަނބުރާ ބަންގްލަދޭޝްއަށް ދިއުމުގެ ފުރުސަތާއި އެކު ރެޖިސްޓްރީވުމަށް ހުޅުވާލުމަށް ގަވައިދާ ހިލާފަށް އުޅޭ 43،000 އަށްވުރެ ގިނަ ބިދޭސީން ރެޖިސްޓްރީ ކުރި ކަމަށެވެ. އެކަމަކު އެ މަސައްކަތް ފެށިތަނާ ހުއްޓާލަން ޖެހުނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެޖިސްޓްރީ ކުރި މީހުންގެ ތެރެއިން 8،000 މީހުން އަމިއްލަށް އެދިގެން މިހާތަނަށް ފޮނުވައިދީފަވާނެ ކަމަށެވެ. އަދި މިހާތަނަށް މި ޕްރޮގްރާމްގައި ރެޖިސްޓްރީވި 27،000 މީހުން ގައުމަށް ފޮނުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ މީހުން ހޯދައި އަނބުރާ ގައުމަށް ފޮނުވާލުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެކަމަކު އިންސާނީ ވަގު ވިޔަފާރި ހުއްޓުވައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމުން ހުސް ކުރަން ކަމަށްބުނެ ކަނދުބޯޓަކަށް ލައި ހުރިހާ އެންމެން ފޮނުވައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް