އަފްގާންގައި ތޯލިބާނުންނަށް ތާއީދުކޮށް އަންހެންވެރިން ތަފާތު ހިނގާލުމެއް ބާއްވައިފި

އަފްގާނިސްތާނު މިދިޔަ މަހު ތޯލިބާނުންގެ ބާރުގެ ދަށަށް ދިޔަ ފަހުން ކޮންމެ ދުވަހަކުވެސް އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެ ގައުމުގެ އަންހެނުން ކާބުލް އާއި ބޮޑެތި އެހެން ސިޓީތަކުގެ މަގުތައް މައ...

13 Sep 2021 | 05:44

އަފްގާނިސްތާނު މިދިޔަ މަހު ތޯލިބާނުންގެ ބާރުގެ ދަށަށް ދިޔަ ފަހުން ކޮންމެ ދުވަހަކުވެސް އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެ ގައުމުގެ އަންހެނުން ކާބުލް އާއި ބޮޑެތި އެހެން ސިޓީތަކުގެ މަގުތައް މައްޗަށް ނުކުމެ އެވެ.

އެކަމަކު އެގޮތަށް ނުކުންނަން ކެރެނީ މަދު ބަޔަކަށެވެ. ވެރިރަށް ކާބުލް ފަދަ ސިޓީތަކުގައި ތޯލިބާނުންނާއި ދެކޮޅަށް މުޒާހަރާއަށް ނުކުންނަ އަންހެނުން މަގުމަތީ ހިނގައި، އަޑުގަދަ ކުރަން ވަކި ވަގުތެއް ދިނުމަށް ފަހު ތޯލިބާނުން ކަރުނަ ގޭހާއި އެނޫންވެސް ގޮތްގޮތުން އެއްވުންތައް ރޫޅާލައެވެ.

މިފަހަރު ކާބުލްގެ މަގުތަކަށް ނުކުތީ ތޯލިބާނުންނަށް ތާއީދުކޮށް މުޒާހަރަ ކުރި އަންހެނުންތަކެއްކެވެ. "ﷲ އަކްބަރް" ގޮވައި އަފްގާން ބަހުން ތޯލިބާނުންނަށް ތާއިދުކޮށް ޕޯސްޓަރުތައް ހިފައިގެން ޝުއޫރު ފާޅު ކުރަމުން ކާބުލްގެ ބޮޑެތި މަގުތަކުގައި އެ އަންހެނުންތައް ހިނގި އެވެ. ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ މުޒާހަރާގައި ހުރިހާ އަންހެނުން ތިބީ ކަޅުހެދުމުގައި މުޅި މޫނު ނިވާވާނެހެން ބުރުގާ އަޅައިގެންނެވެ.

އެ މުޒާހަރާ މަގު މެދުގައި ކުރަމުންދިޔައިރު ތޯލިބާން ހަނގުރާމަވެރިން ދިޔައީ ހުރިހާ ފަރާތަކުން ސެކިއުރިޓި ބަލަހައްޓަމުންނެވެ. އެ މުޒާހަރާ ތަފާތުވީ އެހެން ކަމަކާއި ހެދިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މުޒާހަރާ ކަވަރު ކުރަން ދިޔަ ނޫސްވެރިން އެ އަންހެން ވެރިންނާއި މާ ގާތުން ވީޑިއޯ އާއި ފޮޓޯ ނެގުމުގެ ހުއްދައެއް ތޯލިބާން ހަނގުރާމަވެރިންނެއް ނުދިނެވެ. އަދި އަންހެނުންގެ ޝުއޫރުތައް ރެކޯޑު ކުރުމަށް އިންޓަވިއު ކުރުން މަނާ ކުރި އެވެ.

އެހެންވެ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އެ މުޒާހަރާގައި ބައިވެރިވި މީހުންނަކީ އަމިއްލަ އިހުތިޔާރުގައި ބައިވެރިވި މީހުން ކަމާއި މެދު ސުވާލު އުފެދެ އެވެ.

ތޯލިބާނުން ވަނީ މިފަހަރު އެމީހުންގެ ވެރިކަމުގައި އަންހެނުންނާއި މެދު އަމަލު ކުރާ ގޮތް ތަފާތުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ހަމަހަމަ ކަމާއި އެކު ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސަރުކާރުގެ އިސް މަގާމުތައް އަންހެނުންނަށްވެސް އަދާ ކުރެވޭނެ ކަމަށް ބުންޏެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތަކުގައިވެސް އަންހެނުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންނެވެ.

އެކަމަކު އެހުރިހާ ވާހަކައެއް ދެއްކުމަށް ފަހު އެކުލަވާލި ތޯލިބާނުންގެ ވަގުތީ އާ ސަރުކާރުގެ ކެބިނެޓްގައި އެއްވެސް އަންހެން ވަޒީރަކު ނުހިމެނެ އެވެ. ތޯލިބާނުން ކުރިންވެސް ވަނީ އަންހެނުންނަށް ވަޒީރުކަން ނުދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް