ބޮލީވުޑްގައި ކުރިން ފެނިގެންދިޔަ މަލިކާ ޝަރާވަތަކީ އެނާ ކުޅޭ ރޯލުތަކުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ތަރިއެކެވެ.
ގިނައިން ހެއްވާ މަޖާ ފިލްމުތަކުން ފެނިގެންދިޔަ މަލިކާ އެ ފިލްމުތަކުގައިވެސް ކުޅެފައިވަނީ ވަރަށް ގައިގޯޅި މަންޒަރުތައް ކުޅެންޖެހޭ ރޯލުތަކެވެ. އެހެންވެ ގިނަ ބަޔަކު އޭނާ ސިފަ ކުރާގޮތް ތަފާތެވެ. އެކަން މަލިކާވެސް ގަބޫލު ކުރެ އެވެ.
ދުވަސްތަކަކަށް ފަހު ވެބް ސީރީޒް އެއްގެ މަސައްކަތް ލިބިގެން މަލިކާ އެ މަސައްކަތް ނިންމާލާފައިވާއިރު އެ ސީރީޒް ރިލީޒް ކުރަން ވަނީ ތައްޔާރުވެފަ އެވެ. އެ ސީރީޒްގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާގައި މަލިކާ ބުނީ ގަބޫލު ކުރަން ދަތި އަދި ހިތައްވެސް ނާރާފަދަ ގޮތަކަށް ބައެއް މީހުން އޭނާ ސިފަ ކުރާ ކަމަށެވެ.
އެފަދަ ކޮމެންޓެއްގެ ތަފްސީލް ދިނުމަށް އެދުމުން މަލިކާ ބުނީ ފިރިހެނަކު އޭނާ އަކީ ބަރަހަނާ ފިލްމު ކުޅޭ މީހެއް ކަމަށްބުނެ އެގޮތަށް ސިފަކޮށް ސޯޝަލް މީޑިއާގައި ލިޔެފައިވާ ކަމަށެވެ. މަލިކާ ބުނީ އެ ކޮމެންޓު ފެނުމުން ގަބޫލު ކުރަން ދަތިވިކަމަށާއި ބައެއް މީހުން އޭނާ އަކީ އެހާ ދަށުދަރަޖައިގެ މީހެއްގެ ގޮތުގައި ދެކޭތީ ދެރަވި ކަމަށެވެ.
މަލިކާ ބުނީ އޭނާ އަކީ ދުވަހަކުވެސް ބަރަހަނާ ފިލްމު ކުޅެ އެކަމަށް ހިތްވަރު ދިން މީހެއް ނޫން ކަމަށެވެ. އެހެން ކަމުން އެކަން ފާޅުގައި އެމީހާ އަށާއި އެހެން މީހުންނަށް ހާމަ ކުރަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.
މަލިކާ ގިނަ ދުވަސްތަކަކަށް ފަހު ފެނިގެންދާނީ "ނަކާބް" އިންނެވެ. އެ ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ސީރީޒްގައި މަލިކާ އާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ފިލްމެއް ކުޅެން ނުލިބިގެން ދާއިރާ އާއި ދުރުގައި ހުންނަން ޖެހިފައި ހުރި އީޝާ ޑިއޯލް ހިމެނެ އެވެ. ދެން ފެނިގެންދާނީ ގޯތަމް ރޯޑެވެ.
މި ސީރީޒް އަކީ މަތީ ފަންތީގެ މީހެއްގެ މަރުގެ ތަހުގީގު ކުރިޔަށްދާ ގޮތާއި އޭނާގެ މަރާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސީރީޒް އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް