ހިމަންދޫގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް މުޅިން އައު ޖެނެރޭޓަރ ސެޓެއް އެރަށަށް ގެންގޮސްފި

އއ. ހިމަންދޫގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް މުޅިން އައު ޖެނެރޭޓަރ ސެޓެއް އެރަށަށް ގެންގޮސްފި އެވެ. ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން ދި...

13 Sep 2021 | 04:46

އއ. ހިމަންދޫގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް މުޅިން އައު ޖެނެރޭޓަރ ސެޓެއް އެރަށަށް ގެންގޮސްފި އެވެ.

ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެން، ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336kW ގެ މުޅިން އައު ޖަނަރޭޓަރު ސެޓެއް އެރަށަށް މިހާރުގެންދެވިފައިވާ ކަމަށެވެ.

މި ޖަނަރޭޓަރު ސެޓް ބޭނުން ކުރަން ފެށުމާއެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައި ވެއެވެ.

https://twitter.com/STELCOMALDIVES/status/1437262859742822401?s=19

ހިމަންދޫގެ ކަރަންޓު މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހިމަންދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 18 މާރޗު 2021 ގަ އެވެ.

މި މަޝްރޫޢާ ގުޅެގޮތުން ސްޓެލްކޯ އިން ކުރިން ބުނެފައިވަނީ މި އިންޖީނުގެ ޢިމާރާތް ކުރަނީ 4 މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް ކަމަށެވެ. އަދި މި އިންޖީނުގެއާއި އޮފީސް އިމާރާތް ވެގެންދާނީ ހިމަންދޫގެ މަލަމަތި ބަދަލުކޮށްލާނެ ރީތި ތަފާތު ޒަމާނީ ބިނާއަކަށް ކަމަށެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން އއ. ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެކެވެ. އެހެންވެ ކަރަންޓުގެ ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު ސްޓެލްކޯއިން ވަނީ މުޅިން އައު އިންޖީނުގެއެއް އެތަނުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފަ އެވެ.

ކަސްޓަމަރ ސަރވިސް އިމާރާތަކާއެކު އަޅާ މި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ޚިދުމަތްދޭން ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިންގ ދިނުމަށާއި މީޓިންގތައް ބޭއްވޭނެ އިންތިޒާމްތަކާއެކުގަ އެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން ޑިޒައިނިންގ މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާރ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރާނެ އެވެ. އަދި މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހަދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް