ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދުމަށް ދިން މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު ވަނީ އިތުރު 10 ދުވަހަށް އިތުރުކޮށްދީފަ އެވެ. ކުރިންވެސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދީފައިވަނީ 10 ދުވަހެވެ. އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މީޑިއާގައި ވިދާޅުވީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދީފައިވާ ކަން މިއަދު ގާސިމްގެ އާއިލާއަށް އަންގާފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރުކޮށްދިނީ ޑޮކްޓަރުގެ ލިޔުންތަކަށް ބެލުމަށް ފަހު ކަމަށެވެ. ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައި މިވަނީ އެކަމަށް ގާސިމްގެ އާއިލާއިން އެދުމުން ކަރެކްޝަންސް އިން އިންކާރު ކުރުމަށް ފަހު އެވެ.
ސިންގަޕޫރަށް ގާސިމްވަޑައިގެންނެވި ނަމަވެސް އިތުރު ފަރުވާ ދިނުމަށް އަދިވެސް އެޑްމިޓެއް ނުކުރެ އެވެ. އެއީ ބޭސްފަރުވާއަށް ދީފައިވާ މުއްދަތު ކުރުކަމުން ކަމަށް ގާސިމްގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.
ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރު ވިދާޅުވެފައިވަނީ ދަތުރު ކުރެވޭ ވަރަށް ގާސިމްގެ ސިއްހީ ހާލަތު ރަނގަޅުވާނީ ޑިސެމްބަރު މަހު ކަމަށެވެ. ޑޮކްޓަރު ވިދާޅުވެފައިވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ “ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް” ކަމަށެވެ.
ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައި މިވަނީ އެތައް ފަހަރަކު އެކަމަށް އެދިފައިވަނިކޮށެވެ. އެންމެ ފަހުން ހުއްދަ ދީފައި މިވަނީ ގާސިމް މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާކަމަށް ކަމަށް ހުކުމް ކުރި އިރު ގާސިމްގެ ޕާސްޕޯޓު ދޫކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.
އެކަމަކު އަމުރުގެ އެބައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް