ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދެފި އެވެ.
މިކަމަށް އެދިފައިވަނީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން އިއްޔެ އެވެ. އެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީޣެ ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބު ހުސައިން ޝަމީމް ވިދަޅުވީ ކަރެކްޝަންސް އަށް ފޮނުވި ސިޓީގައި އެދިފައިވާނީ 10 ދުވަހުން ފަރުވާ ހޯދުމަށް ފަހު އާދެވޭ ވަރަށްވުރެ ގާސިމްގެ ހާލު ސީރިއަސް ކަމަށެވެ. ގާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަރެކްޝަންސް އިން ދިނީ 10 ދުވަހުގެ މުއްދަތެކެވެ.
ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރު ވިދާޅުވެފައިވަނީ ދަތުރު ކުރެވޭ ވަރަށް ގާސިމްގެ ސިއްހީ ހާލަތު ރަނގަޅުވާނީ ޑިސެމްބަރު މަހު ކަމަށެވެ. ޑޮކްޓަރު ވިދާޅުވެފައިވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ “ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް” ކަމަށެވެ.
ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައި މިވަނީ އެތައް ފަހަރަކު އެކަމަށް އެދިފައިވަނިކޮށެވެ. އެންމެ ފަހުން ހުއްދަ ދީފައި މިވަނީ ގާސިމް މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާކަމަށް ކަމަށް ހުކުމް ކުރި އިރު ގާސިމްގެ ޕާސްޕޯޓު ދޫކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.
އެކަމަކު އަމުރުގެ އެބައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް