މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.
މީރާއިން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެ އޮތޯރިޓީ މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހާއި އަޅާ ބަލާއިރު 0.4 ޕަސެންޓު ދަށް އަދަދެކެވެ.
މީރާއިން ބުނީ މިދިޔަ މަހާއި އަޅާ ބަލާއިރު މިދިޔަ އަހަރުގެ އޯގަސްޓު މަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ އެ އަހަރުގެ ޖުލައި މަހުގެ ކުއްޔާއި ފީ އެ މަހު ދައްކާފައިވާތީ ކަމަށެވެ.
މިދިޔަ މަހު އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ލިބިފައިވަނީ ޖީއެސްޓީ ގެ ގޮތުގައި ލިބުނު ފައިސާ އެވެ. ދައުލަތަށް ލިބުނު އާމްދަނީގެ 46 ޕަސެންޓު ޖީއެސްޓީ ހިއްސާ ކުރާއިރު ދެން އެންމެ ގިނައިން އާމްދަނީ ލިބުނީ ރަށްރަށުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާއިންނެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 39.7 މިލިއަން ރުފިޔާ ލިބިފައިވަނީ ޑޮލަރުންނެވެ.
މިދިޔަ ޖުލައި މަހު ދައުލަތަށް މީރާ މެދުވެރިކޮށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް