ދުބާއީން ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެއްސަކު ދުބާއީ ފުލުހުން ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އެކަމަކު އެމީހާ އާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ އަދި އޭނާ ހައްޔަރު ކުރީ ދުބާއީގެ ކޮން ތަނަކުން ކަމެއްވެސް ނޭނގެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާއި އެކު ދުބާއީން ދިވެއްސަކު ހައްޔަރު ކުރީ ދެ ގައުމުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޮފިސަރު ވިދާޅުވީ މި މައްސަލަ ދުބާއީ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އޭނާ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއްވެސް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ނޫނަސް ދުބާއީ ފުލުހުންނާއި ގުޅިގެން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ ގައުމުގެ ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަވައްޓެރި އެހެން ގައުމުތަކާއި ގުޅިގެންވެސް މަސްތުވާތަކެތީގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް