އަހަންނަކީ ރޮހިންޖާގެ ބޭގަމް ޖާން: އުމުރަކީ 65 އަހަރު، އެމީހުން އަހަރެން މަރައިފާނެތީ ބިރުގަނޭ

މިޔަންމާއިން އިސްލާމްދީން ފޮހެލުމަށް ރަކީން ސްޓޭޓްގައި މުސްލިމުން މަރަމުން އަންނައިރު އެތައް ލައްކަ ބަޔަކު މިވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް އައިސްފަ އެވެ. މިއީ އޭގެން އެކެއްގެ ވާހަކަ އެވެ. ނަމަކީ ބ...

13 Sep 2017 | 07:01

މިޔަންމާއިން އިސްލާމްދީން ފޮހެލުމަށް ރަކީން ސްޓޭޓްގައި މުސްލިމުން މަރަމުން އަންނައިރު އެތައް ލައްކަ ބަޔަކު މިވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް އައިސްފަ އެވެ. މިއީ އޭގެން އެކެއްގެ ވާހަކަ އެވެ. ނަމަކީ ބޭގަމް ޖާން އެވެ. އުމުރަކީ 65 އެކެވެ. މިއީ ބޭގަމް ޖާން އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގެ ތަރުޖަމާއެކެވެ.

-----------------------------------------------------------------------

އަހަރެންގެ ހަޔާތުގެ ވާހަކަ ވަރަށް ހިތްދައްޗެވެ. މީގެ 25 އަހަރު ކުރިން އަހަރެން ހުވަފަތް ވެއްޖެ އެވެ. ފިރިމީހާ ނިޔާވީ އެވެ. އޭގެ ފަހުން ބަނޑުފުރާނަ މުއްތި ކުރަނީ މަގުމަތީގައި ސަލާން ޖަހައިގެން ލިބޭ މަދު ފައިސާކޮޅުންނެވެ. އަހަރެންގެ ދެ އަންހެންދަރީން އެބަތިއްބެވެ. ކައިވެނި ކޮށްގެން ގޮސްފި އެވެ. އަހަންނަށް އަޅާލާނެ އެކަކުވެސް މިހާރަކު ނެތެވެ.

ނިދާފައި އޮއްވާ ހޭލެވުނީ ބަޑިޖަހާ އަޑަށާއި ތަންތަން ގޮއްވާ އަޑަށެވެ. އިންތިހާއަށް ބާރު އަޑުފަށްގަނޑެކެވެ. ނުނިދުނެވެ. ބޮލުތެރޭގައި އެ އަޑު ގުގުމާލި އެވެ.

އެންމެން ދުވަމުންދިޔައީ ފިލާށެވެ. އެމީހުންނާއެކު އަހަރެންވެސް ފިލީމެވެ. އަމިއްލަ ގައުމު ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އެހެނަސް މަޖުބޫރު ވީ އެވެ.

މިހާރު މިހުރީ ބަންގްލދޭޝްގަ އެވެ. ބަންގްލަދޭޝަށް އަންނަން ދެދުވަހުގެ ދަތުރެއް ކޮށްފައިވާއިރު އަހަރެން ކުރަން ޖެހުނީ ދަތި އުނދަގޫ ދަތުރެކެވެ. އަހަރެން ހިނގަނީ އަސާގަނޑެއްގެ އެހީގައި ކަމުގައިވާތީ އެވެ. އަދި ދަތުރުގައިވެސް އަހަންނަށް އަޅާލާނެ މީހަކު ނެތަތީ އެވެ.

އަސްކަރިއްޔާގެ މަނަވަރުތައް ނަފް ކޯރުގައި ފޯރިމަރާކަމުގެ އަޑުތައް އޮތީ އިވިފައެވެ. އެހެންކަމުން ދޯންޏެއްގައި ކޯރު ހުރަސްކުރިއިރު އަހަރެން އިނީ ވަރަށް ބިރުންނެވެ.

މިހާރު މިހުރީ ބަންގްލަދޭޝްގަ އެވެ. އެހެނަސް އަދިވެސް ހިތުގައި ބިރުވެރިކަން އެބައޮތެވެ. މިޔަންމާގެ އަސްކަރިއްޔާއިން އަހަރެމެން މަރަން އަތުވެދާނެތީ އެވެ. އެހެނަސް އުވާވެސް ވެ އެވެ. އެ ބަޑީގެ އަޑާއި ގޮއްވުންތަކުގެ އަޑު ނީވޭތީ އެވެ.

ބޭރުދުނިޔެއިން އަހަރެމެންނަށް އެހީވާކަމުގެ އިހުސާސު ކުރެވެ އެވެ. އެކަމުން ހިތަށް ފިނިކަމެއް ލިބެ އެވެ. އަހަރެމެންގެ ވާހަކަ އެންމެން އަޑު އެހުމަކީ އަހަރެންގެ އުންމީދެވެ. އެކަމުން ލިބޭނެ ފައިދާއެއް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ އަހަރެމެންގެ މުސްތަގްބަލެއް ނެތް ކަމެވެ. އަހަރެމެންގެ ދިރިތިބުމުގެ އުންމީދެއް ނެތްކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް