އެޕަލްގެ އައިފޯނުގެ އައު ފްލެގްޝިޕް އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް ދައްކާލައިފި އެވެ. ދައްކާލާފައިވަނީ ރޭ ބޭއްވި އެޕަލް ޕްރެސް އިވެންޓްގަ އެވެ.
ބަލާ ބެލުމަށް އައިފޯނު 8 އަދި 8 ޕްލަސް ވައްތަރީ ކުރީގެ ފްލެގްޝިޕް އައިފޯނު 7 އަދި 7 ޕްލަސް އާއެވެ. ނަމަވެސް އައު ފޯނުގެ ފަހަތް ހަދާފައިވަނީ ބިއްލޫރިންނެވެ.
އައު އައިފޯނު ދައްކާލާފައިވާއިރު އައު އައިފޯނުގެ ކުލަ ތަކަކީ ރިހި ކުލަ އާއި ޖައްވީ އަޅި ކުލަ އާއި ރަން ކުލަ އެވެ. މި ފަހަރު ރަންކުލަވެސް ތަފާތެވެ. މި ރަންކުލައަކީ އާއްމު ރަންކުލައާއި ރޯޒް ރަންކުލައާއި ދެމެދުގެ ކުލައެއް ކަމުގައި ބެލެވެ އެވެ. މި ފޯނު ތަކަކީ ފެނާއި ހިރަފުސް ނުވަންނަ ގޮތައް ތައްޔާރުކޮށްފައިވާ ފޯނުތަކެކެވެ.
އެޕަލްގެ މި އިވެންޓްގައި އައިފޯނު އެކްސް ވެސް ދައްކާލާފައި ވެ އެވެ. އައިފޯނު އެކްސްއާއި ބެހޭގޮތުން މި ނޫހުގައި އިތުރު ހަބަރެއް ވާނީ ލިޔެފަ އެވެ.
އައިފޯނު 8 އަދި 8 ޕްލަސްގައި ރެޓީނާ ޑިސްޕްލޭ ހިމަނާފައިވާއިރު އެ ޑިސްޕްލޭއަކީ އެމްބިއެންޓް ލައިޓް އެޑެޕްޓެޑް ޑިސްޕްލޭ އެކެވެ. ސްޕީކަރުގެ އަޑު ކުރީގެ ފޯނުގެ ސްޕީކަރަށްވުރެ 25 އިންސައްތަ ގަދަވާނެ އެވެ. ބޭސް ޑީޕް ވާނެ އެވެ. އެތެރޭގައިވަނީ އޭ 11 މަރުކާގެ ބައޮނިކް ޗިޕެކެވެ. އެއީ 64 ބިޓްގެ ޗިކް އެކެވެ. އެއީ އައިފޯނު 7 ގައި ބޭނުންކޮށްފައިވާ އޭ 10 މަރުކާގެ ޗިޕަށްވުރެ 25 އިންސައްތަ ސްޕީޑް ހަލުވި ޗިޕެކެވެ. އެފިސިއެންސީ ހަތަރު ކޯރ ހިމެނޭއިރު އެއީ އޭ 10 އަށްވުރެ 70 އިންސައްތަ "ފާސްޓް" އަދަދެކެވެ. އައިފޯނު 8ގެ ޖީޕީޔޫވެސް 30 އިންސައްތަ އަވަހެވެ.
ކެމެރާގެ ސެންސަރު އަދި ޕްރޮސެސަރުގެ ގޮތުގައިވެސް ބޭނުން ކޮށްފައިވަނީ އައު ޓެކްނޮލޮޖީ އެވެ. އައިފޯނު 7 އާއި އަޅާ ކިޔާއިރު ލޯ ލައިޓް ކަންޑީޝަންގައި ކެމެރާ މާ ރަނގަޅަށް މަސައްކަތް ކުރާނެ އެވެ. ނޮއިސް ރެޑަކްޝަން ޓެކްނޮލޮޖީވެސް މާ ފުރިހަމަ އެވެ. ފަހަތުގައި ދެ ސެންސަރު ހިމަނާފައިވާއިރު އައިފޯނު 8 އަދި 8 ޕްލަސްގެ އެޕާޗާ އަކީ އެފް1.8 އަދި އެފް 2.8 އެވެ. އައު ކުލަ ފިލްޓަރު ތައްވެސް ހިމަނާފައި ވެ އެވެ.
ވީޑިއޯއަށް ބަލާލާއިރު ފްރޭމްރޭޓްވެސް މައްޗެއްވެ. ފޯ ކޭ ކޮލިޓީގއި ސިކުންތަކު 60 ފްރޭމެވެ. ސްލޯ-މޯ ވީޑިއޯ އާއި 1080 ރެޒޮލިއުޝަންގެ ވީޑިއޯއަށް ސިކުންތަކު 240 ފްރޭމެވެ. އެހެންކަމުން ސްލޯ މޯޝަން އަދި މާ ބޮޑަށް މި ފަހަރު ސްލޯ ކޮށްލެވޭނެ އެވެ.
އޭ 11 މަރުކާގެ ޗިޕާއެކު އިންޓެގްރޭޓް ކޮށްފައިވާ ޗިޕު ކެލިބަރޭޓް ކޮށްފައިވަނީ އޯގްމެންޓެޑް ރިއާލިޓީއާއި އެކުގަ އެވެ.
މި ފަހަރު މިވަނީ އައު ކަމެއްވެސް އައިސްފަ އެވެ. އެއީ ވަޔަރލެސް ޗާޖިން އެވެ. ތާޑް ޕާޓީ ވަޔަރލެސް ޗާޖަރުތަކުންވެސް ޗާޖު ކޮށްލެވެ އެވެ.
އައިފޯނުގެ އަގު ފެށެނީ 64 ޖީބީ ނަމަ 699 ޑޮލަރުންނެވެ. 8 ޕްލަސް ނަމަ 799 ޑޮލަރުންނެވެ. ޕްރީ އޯޑަރު ނަގަން މިމަހު 15 ގައި ފަށާނެ އެވެ. ފިހާރަތަކުން ގަންނަން ލިބެން ފަށާނީ މި މަހުގެ 22 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް