މިޔަންމާގެ ބުދިސްޓުންނާއި ސަރުކާރުން، އެ ގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން ދިޔަ ރޮހިންޖާ މުސްލިމުން މަރަން ފެށުމުން އެގައުމު ދޫކޮށް މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މުސްލިމުން އެގައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައިވާއިރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ އިއްޔެގެ ވަގުތެއްގައި ބަންގްލަދޭޝްގައި ތިބި ރޮހިންޖާގެ މުސްލިމުންނާއި ބައްދަލު ކުރައްވާފަ އެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ގާއިމް ކޮށްފައިވާ، އެހީދޭ ފޭލިގެތަކަށް ޒިޔާރަތް ކުރުމަށްފަހު ޝެއިޚް ހަސީނާ ވިދާޅުވީ އެއްވެސް ކުށެއް ނެތް ބަޔަކު އެދަނީ ހާލުގައި ޖެހެމުން ކަމަށާއި އިންސާނިއްޔަތުކަން އިސްކޮށް މިޔަންމާއިން މިކަމަށް ހައްލެއް ގެނެސް އެގައުމުގެ ރައްޔިތުން އެ ގައުމަށް އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.
"ބަންގްލަދޭޝްއަކީ އަބަދުވެސް އަވަށްޓެރި ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާނެ ގައުމެއް، އެހެންނަމަވެސް މިފަދަ އަމަލުތަކަށް ތާއީދު ނުކުރެވޭނެ" ޝެއިޚް ހަސީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދިވެސް ރަކީން ސްޓޭޓުން އެދަނީ ދުން އަރަމުން ކަމަށާއި ރައްޔިތުންނަށް އެމީހުންގެ އާއިލާ މެމްބަރުން ނު ހޯދިފައިވާކަމަށެވެ. ކުޑަކުދިންނާއި އަންހެނުން ނަފް ކޯރުގައި ގެނބި މަރުވަމުން އަންނަ ކަމަށެވެ. މިއީ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ކަމަށެވެ.
ރޮވިފައިހުރެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ރުޅިވެރި ރާގެއްގައި ޝެއިޚް ހަސީނާ ވިދާޅުވީ ރޮހިންޖާ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުން ނޫން ކަމަށް ހެދޭނެ ގޮތެއް ނޯންނާނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން މިޔަންމާއަށް ޕްރެޝަރުކޮށްގެންނަމަވެސް މިޔަންމާގެ ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް