އިންޑިއާގައި ތިބި ރޮހިންޖާ މުސްލިމުންގެ އާދޭސް: މަޖުބޫރީ ހާލުގައި ގައުމަށް ދިއުމަށްވުރެ މަރުވުންވެސް މާ ރަނގަޅު

މިޔަންމާގެ ބުދިސްޓުންނާއި އަސްކަރިއްޔާއިން އެގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ކަތިލާ، އަންދާ މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް މީގެ ކުރީން އިންޑ...

12 Sep 2017 | 21:12

މިޔަންމާގެ ބުދިސްޓުންނާއި އަސްކަރިއްޔާއިން އެގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ކަތިލާ، އަންދާ މަރަމުން އަންނައިރު ފުރާނަ ސަލާމަތް ކުރުމަށް މީގެ ކުރީން އިންޑިއާއަށް ހިޖުރަކުރި ރޮހިންޖާގެ މުސްލިމުންނަށްވެސް މިވަނީ ހިތްދަތި ގޮތްތަކެއް މެދުވެރިވެދާނެ ކަމާއިމެދު ޝައްކު އުފެދިފަ އެވެ. އެއީ އިންޑިއާގައި ތިބި ރޮހިންޖާ މުސްލިމުން އެ ގައުމުން ބޭރުކޮށްލުމާއިމެދު ގޮތެއް ނިންމުމަށް މޯދީގެ ސަރުކާރުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެވެ.

މިއީ އިންޑިއާގައި ދިރިއުޅެމުން އަންނަ ރޮހިންޖާގެ ބައެއް މުސްލިމުންނާއި އިންޓަވިއު ކުރުމަށްފަހު އަލްޖަޒީރާއިން އެކުލަވާލާފައިވާ ރިޕޯޓެއްގެ ތަރުޖަމާ އެވެ.

އުމުރުން 17 އަހަރުގެ ހުސެއިން ޖޯހަރު އެއިނީ އިންޑިއާގެ އައުދިއްލީގެ މަނިޕޫރު ކާދަރު ސަރަހައްދުގައި ހުންނަ ކަންމަތީ ފިހާރައެއްގައި ސިނގިރޭޓު ވިއްކާށެވެ. އެއީ ޔަމުނާ ކޯރު އައްސޭރިފަށުގައި އޮންނަ ހިތްގައިމު، އަދި މެދު މިންވަރަކަށް ތަރައްގީވެފައިވާ ސަރަހައްދެކެވެ.

ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ 200އެއްހާ މުސްލިމުން އިންޑިއާގައި ދިރިއުޅެމުން އަންނަނީ އެ ސަރަހައްދުގަ އެވެ. ހުސެއިން ޖޯހަރަކީ އޭގެން އެކަކެވެ. ހުސެއިން މެން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަތާ މިހާރު ފަސް އަހަރު ވީ އެވެ.

ނަމަވެސް މޯދީ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަނުގެ ސަބަބުން ހުސެއިން މެނާއި އަދި އިންޑިއާގައި ދިރިއުޅެމުން އަންނަ 40 ހާހަށްވުރެ ގިނަ މުސްލިމުންނަށް މިވަނީ ބިރުވެރިކަން އިހުސާސް ކުރަން ޖެހިފަ އެވެ. އެއީ ސުޕްރީމް ކޯޓުން ނިންމާ ގޮތަކުން، އެމީހުން އިންޑިއާއިން ގަދަކަމުން ބޭރުކޮށް މިޔަންމާއަށް ފޮނުވާލަފާނެތީ އެވެ.

"އެއްވެސް ކުށެއްނެތް އެތައް ބަޔަކު އެދަނީ މަރަމުން، ފާޅުގައި ގަތުލްއާއްމު އެދަނީ ހިންގަމުން، މި ހާލުގައި އަހަރެމެން ގަދަކަމުން ގައުމަށް ފޮނުވާލަން ހެޔޮވާނެތަ؟" ހުސެއިންގެ ސުވާލަކީ މިއީ އެވެ. ހުސެއިން ބުނީ އެހެން ނަމަވެސް މުސްތަގްބަލުގައި އެގައުމުގެ ހާލަތު ރަނގަޅުވެއްޖެނަމަ، ސުލްހަ ގާއިމް ކުރެވިއްޖެނަމަ އެނބުރި ގައުމަށް ދާނީ އުފަލުން ކަމަށެވެ. އޭރުން ގަދަކަމުން ފޮނުވާލަން ނުޖެހޭނެ ކަމަށެވެ.

ހުސެއިންއެކޭ އެއްފަދައިން ހަމަ އެ ސަރަހައްދުގައި ކަންމަތީ ފިހާރައެއް ހިންގަމުން އަންނަ މުހައްމަދު ޝަކީލްގެ ކަންބޮޑުވުމަކީވެސް އެއީ އެވެ. ޝަކީލް ބުނެފައިވަނީ އިންޑިއާ ސަރުކާރުން އެންމެފަހުން އެ ނިންމި ނިންމުމާއިމެދު އިންތިހާއަށް ބިރު ގަންނަ ކަމަށާއި ފާޅުގައި މީހުން މަރަމުންދާއިރު ގައުމަށް އެނބުރި ދާނީ ކިހިނަކުންތޯ ޝަކީލް ސުވާލު އުފައްދަ އެވެ.

ޝަކީލް ބުނީ އެނބުރި ގައުމަށް ދިއުމަށްވުރެ އިންޑިއާގައި ތިބެ މަރުވުންވެސް މާ ރަނގަޅު ކަމަށެވެ.

ރޮހިންޖާ މުސްލިމުން ގަދަކަމުން ފޮނުވާލަން ސުޕްރީމް ކޯޓުން ނިންމައިފިނަމަ އެ ނިންމުން ވެގެންދާނީ އެ ގައުމުގެ ގާނޫނު އަސާސީގެ ބައެއް މާއްދާތަކާއި ފުށުއަރާ ނިންމަކަށް ކަމުގައި އެގައުމުގެ ބައެއް ގާނޫނީ މާހިރުންވެސް ދަނީ ބުނަމުންނެވެ. އެއީ އިންސާނީ ހައްގުތަކާއި ބެހޭ ބައެއް މުއާހަދާތަކުގައި އިންޑިއާއިން ސޮއި ކޮށްފައިވާތީ އެވެ.

އދ ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަންގެ ހައި ކޮމިޝަނަރ ޒައިދު ރާއަދު އަލް ހުސެއިންވެސް ވަނީ އިންޑިއާގެ މި އަމަލާއިމެދު ކަންބޮޑުވުން ފާޅުކޮށް ޓްވީޓެއް ކުރައްވާފަ އެވެ. ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އަނިޔާ ލިބެމުން އަންނަ ތަނަކަށް ގަދަކަމުން އިންސާނނުން ފޮނުވުމުގެ ހައްގު އިންޑިއާއަށްވެސް ނޯންނާނެ ކަމަށެވެ.

އިންޑިއާގައި ތިބި ރޮހިންޖާ މުސްލިމުން އިންތިހާއަށް ކަންބޮޑުވެފައިވާއިރު މިހާރު އިންޑިއާގައި ދިރިއުޅެމުން އަންނަ އުމުރުން 32 އަހަރުގެ ތަސްލީމާގެ ކަންބޮޑުވުންވެސް އިންތިހާ އެވެ.

"އަހަރެމެންނަށް ޖިންސީ އަނިޔާ އެތަނުން ލިބެމުންދާއިރުވެސް އަހަރެމެން އެތަނަށް ފޮނުވާލަނީތަ، އެތާނގައި ރޯމާ ދުވާލު އަންހެނުން ރޭޕްކުރޭ" ތަސްލީމާގެ ކަންބޮޑުވުމަކީ މިއީ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގައިވާ ޕެޓިޝަނާއިމެދު އިންޑިއާގައިތިބި ރޮހިންޖާގެ މުސްލިމުން އިންތިހާއަށް ކަންބޮޑުވިނަމަވެސް މުހައްމަދު ހާރޫން އަދިވެސް ހުރީ ވަރަށް އުންމީދާއި އެކުގަ އެވެ. ހާރޫންގެ ވާހަކައަކީ އިންޑިއާ ރައްޔިތުން އިންޑިއާ ރައްޔިތުން އެ މީހުންނަށް ހެޔޮ ކަމުގެ ވާހަކަ އެވެ.

ކޮންމެއަކަސް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް އަދި ނޭނގެ އެވެ. ރޮހިންޖާގެ މުސްލިމުން ގަދަކަމުން އިންޑިއާއިން ބޭރުކުރަން ނިންމައިފިނަމަ އެ ނިންމުން ވެގެންދާނީ އިންޑިއާގައި ތިބި ރޮހިންޖާ މުސްލިމުންނަށް ހިތްދަތި ހިތާމަވެރި ނިންމުމަކަށެވެ. ނިންމާނެ ގޮތަކާއި މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން އަންނަނީ މިޔަންމާއާއެކު ގުޅުންތައް ބަދަހި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް