ވިޔަފާރިއާ އިގްތިސޯދަށް އަންހެނުން ހުނަރު އިތުރު ކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

ވިޔަފާރިއާ އިގްތިސޯދަށް އަންހެނުން ހުނަރު އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް ގދ ތިނަދޫގައި ފެށިގެން ކުރިއަށް އެބަދެ އެވެ. މި މަސައްކަތު ބައްދަލުވުމަކީ ޖެންޑާ މިނިސްޓ...

13 Sep 2015 | 09:44

ވިޔަފާރިއާ އިގްތިސޯދަށް އަންހެނުން ހުނަރު އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް ގދ ތިނަދޫގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

މި މަސައްކަތު ބައްދަލުވުމަކީ ޖެންޑާ މިނިސްޓްރީން އިންތިޒާމްކޮށްގެން އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

ޖެންޑާއިން މައުލޫމާތު ދޭގޮތުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތުގެ ބައްދަލުވުން މިމަހުގެ 17 ވަނަ ދުވަހާ ހަމަށް ކުރިއަށް ދާނެ އެވެ.އަދި މި މަސައްކަތުގައި އެ އެ އަތޮޅުގެ ހުރިހާ ރަށަކުން 31 އަންހެން ބޭފުޅުން ބައިވެރިވެފައިވާކަމަށް ޖެންޑާއިން މައުލޫމާތު ދެ އެވެ.

މި މަސައްކަތު ބައްދަލުވުން މިއަދު ފަށާފައިވާއިރު ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ އެވެ.

"މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ތިން ދުވަސް ހާއްސަ ކުރެވިފައިވަނީ ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދިނުމާއި، އިކޮނޮމިކް މިނިސްޓްރީން ތިނަދޫގައި ގާއިމް ކުރައްވާފައިވާ ބިޒްނަސް ޑެވެލޮޕްމެންޓް ސެންޓަރުގެ އެހީގައި ވިޔަފާރި ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް" ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ވިޔަފާރިއާ ގުޅޭ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވާނީ އިކޮނޮމިކް މިނިސްޓްރީގެ ފަންނީ ބޭފުޅުން ކަމަށްވެސް ޖެންޑާއިން ބުނެ އެވެ.

ޖެންޑާއިން އިތުރަށް ބުނީ ބައްދަލުވުމުގެ ފަހު ދެދުވަސް އަމާޒު ކުރެވިފައިވަނީ ރާއްޖޭގެ އަންހެނުންގެ މިހާރު ހާލަތާއިބެހޭ މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން އެ މިނިސްޓްރީގެ އެހެނިހެން ދާއިރާތަކުގެ މަސައްކަތްކަތްތަކާ ގުޅޭ ސެޝަންތައް ބޭއްވުމަށް ކަމަށާއި މީގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ފުރައްސާރަ ކުރުމުގެ ގާނޫނާއި، ޖިންސީ ކުށުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައުލޫމާތު ދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް