ހއ އަތޮޅުގެ ތިން ރަށަކަށް އެޑިއުކޭޝަން މިނިސްޓަރު ޒިޔާރަތްކުރައްވައިފި

ހއ އަތޮޅުގެ ތިން ރަށަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިއްޔެ ޒިޔާރަތް ކުރައްވައިފި އެވެ. މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރައްވަމުންގ...

13 Sep 2015 | 04:25

ހއ އަތޮޅުގެ ތިން ރަށަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިއްޔެ ޒިޔާރަތް ކުރައްވައިފި އެވެ.

މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި މިނިސްޓަރ އިއްޔެ ޒިޔާރަތްކުރެއްވީ މާރަންދޫ ސްކޫލަށާއި، ތަކަންދޫގައި ހުންނަ މަދްރަސަތުލް ޝަހީދު އަލިތަކުރުފާނު ސްކޫލަށް އަދި ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި ބާރަށު ސްކޫލަށާއި، ފިއްލަދޫގައި ހުންނަ މަދަރުސަތުއް ޞަބާހު އަށާއި، އެ އަތޮޅު ކެލާގައި ހުންނަ މަދަރުސަތުލް ޝޭހު އިބްރާހީމް އަށާއި، ވަށަފަރު މަދަރުސާއަށް އަދި ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށް މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

އަދި އިއްޔެ ވަނީ އުލިގަމު މަދަރުސާއަށާއި، ތުރާކުނު މަދަރުސާއަށާއި، މޮޅަދޫ ސްކޫލަށް އަދި އިހަވަންދޫ މަދަރުސާއަށް ޒިޔާރަތްކުރައްވާފަ އެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅުގައި އެކަމަނާ ވަނީ މި ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމިޓީ އާ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން މި ރަށްރަށުގެ ރަށުކައުންސިލްގެ ބައެއް މެންބަރުންނާ ވެސް ބައްދަލު ކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

"މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ވަނީ މި ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސިޔާސަތުގެ މައުލޫމާތު އެފަރާތްތަކާ ހިއްސާކުރައްވާފައި، އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް މިނިސްޓަރ ހިއްސާކުރެއްވި" މިނިސްޓްރީން ހާމަކުރެ އެވެ.

މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ދަތުރުފުޅުގައި މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އުތީމަށް އަދި މުރައިދޫ އަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ވަނީ  ދާދީ ފަހުން ވަނީ ހދ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް އަދި ފ. އަތޮޅާއި ދ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް