ހުކުރު ދުވަހުގެ ރޭ، މައްކާގެ ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ސައުދީ ރަސްގެފާނު ސަލްމާން ތައުޒިޔާ ދަންނަވައިފި އެވެ.
އާއިލާތަކަށް ރަސްގެފާނު ތައުޒިޔާ ދެންނެވީ އެ ހާދިސާ ހިނގި ސަރަހައްދަށް އިއްޔެ ޒިޔާރަތްކުރުމަށް ފަހުގަ އެވެ. ސަލްމާން ވިދާޅުވީ ކެރޭނު ވެއްޓެން ދިމާވީ ވައިގަދަވުމުގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިކަމުގެ ތަހުގީގެއް ކުރިއަށްދާ ކަމަށާއި ތަހުގީގު ނިމޭހާ އަވަހަކަށް އާންމުކުރައްވާނެ ކަމަށްވެސް ސައުދީ ރަސްގެފާނު ވިދާޅުވި އެވެ.
ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރުމަށްފަހު ރަސްގެފާނު ވަނީ އެ ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާ ދެމުން އަންނަ ނޫރު ހޮސްޕިޓަލަށްވެސް ޒިޔާރަތް ކޮށްފަ އެވެ.
އެ ހާދިސާގައި 107 މީހަކު ނިޔާވެ 300 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވި އެވެ. ޒަހަމްވި މީހުންގެ ތެރެއިން 95 މީހަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ސައުދީ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ނިޔާވި މީހުން ނިސްބަތްވާ ގައުމުތައް ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވި ނަމަވެސް ނިޔާވި މީޙުންގެ ތެރޭގައި ޕާކިސްތާނު، މިސްރު، އިންޑިއާ، އީރާން، މެލޭޝިޔާ، ބަންގްލަދޭޝް، އަލްޖީރިއާ އަދި އަފްގާންގެ ހައްޖާޖީން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް