ތާރީހުން މިއަދު – ދެ ޖިންސު މަޝްހުނިވެ ނުނެށުމަށް އިސްލާމިކް މިނިސްޓްރީން މީގެ ދެ އަހަރުކުރިން އެންގި

ނުވަ އަހަރު ކުރިން މިއަދު – ދިވެހި ވަގު ރުފިޔާ އުފައްދާ ދެ ގޭންގެއް ލަންކާއާއި އިންޑިއާއިން އަތުލައިގަތް ދިވެހި ރުފިޔާގެ ވަގު ނޫޓު ގިނަ އަދަދަކަށް އުފައްދާ ރާއްޖެ އެތެރި ކުރަމުންދިޔަ ދެ ނެޓްވޯކެއް އިނ...

13 Sep 2015 | 02:00

ނުވަ އަހަރު ކުރިން މިއަދު – ދިވެހި ވަގު ރުފިޔާ އުފައްދާ ދެ ގޭންގެއް ލަންކާއާއި އިންޑިއާއިން އަތުލައިގަތް

ދިވެހި ރުފިޔާގެ ވަގު ނޫޓު ގިނަ އަދަދަކަށް އުފައްދާ ރާއްޖެ އެތެރި ކުރަމުންދިޔަ ދެ ނެޓްވޯކެއް އިންޑިއާ އާއި ލަންކާއިން އަތުލައިގަތީ މީގެ ނުވަ އަހަރު ކުރިން 13 ސެޕްޓްމްބަރު 2006ގަ އެވެ. މި މައްސަލަ ފެންމަތިވީ ކޫއްޑޫގައި ހުރި ތިޖޫރިއަކުން މިލިޔަނަކަށްވުރެ ގިނަ ދިވެހި ރުފިޔާގެ ވަގުނޫޓު ފެނުމާއި ގުޅިގެންނެވެ.

އަށް އަހަރު ކުރިން މިއަދު – ބަނޑިދޫގައި ތިން އަހަރުގެ ކުއްޖަކު ވަޅުގަނޑަކަށް ވެއްޓި މަރުވި

ދ. ބަނޑިދޫގައި ކޮނެފައި ހުރި ވަޅުގަނޑެއްގެ ތެރެއަށް ތިން އަހަރުގެ ކުއްޖަކު ވެއްޓި މަރުވީ މީގެ އަށް އަހަރު ކުރިން 13 ސެޕްޓެމްބަރު 2007ގަ އެވެ. މަރުވީ އެރަށު ރިހިވެލި ދުންޔާ މޫސާ އެވެ. ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ އެދުވަހު މެންދުރު 12:15 ހާއިރު އެވެ.

ހަތް އަހަރުކުރިން މިއަދު – ގާސިމްގެ ވަރުގަދަ ބަހުގެ ހަމަލާއެއް ރައީސް ނަޝީދަށް

އެއީ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓުން ކެމްޕޭނު ކުރަމުންދިޔަ ދުވަސްވަރެވެ. 13 ސެޕްޓެމްބަރު 2008ގައި ހިތަދޫ ސްކޫލުގައި ބޭއްވި ކެމްޕޭޏް ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އިސްކޮށް ހުންނަވައިގެން އެމްޑީޕީ ނިކުތީ އިސްލާހަށް މަސައްކަތް ކުރަން ކަމަށާއި އެހެންނަމަވެސް އެ ޕާޓީ އަށް އަންނިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާތީ އެ ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ވެސް މަސައްކަތް ނުކުރެވި، ޕާޓީ ބައިބައިވެގެން ގޮސްފައިވާ ކަމަށެވެ.

ހަ އަހަރު ކުރިން މިއަދު – ޗާނދަނީ މަގުގައި ހުރި ބެމްބޫ ފިހާރަ ބިމާ ހަމަވި

މިއީ ރާއްޖޭގައި ހިނގި ތަފާތު ހާދިސާއެކެވެ. ޗާންދަނީ މަގު ، އޭރު އެސްޓީއޯ އިލެކްޓްރޯނިކްސް ފިހާރަ ކުރިމަތީގައި ހުރި ބެމްބޫ ފިހާރަ ވެއްޓި ބިމާ ހަމަވީ މީގެ ހަ އަހަރު ކުރިން 13 ސެޕްޓެމްބަރު 2008 ވަނަ އަހަރު އެވެ. އެ އިމާރާތް ވެއްޓުނީ އެތަނާ އިންވެގެން އުތުރުގައި ހުރި "މިސްރާބު" ފިހާރަ އަލުން ހަދަންވެގެން ހަ ފޫޓަށް ކޮނުމުން، އިމާރާތުގެ ދަށުން ފަސްގަނޑު ދޫވެގެންނެވެ. އިމާރާތް އަރިއަޅާލައިގެން ބޮޑުބައި ވެއްޓިފައި ވަނީ ވެސް ކޮނެފައިވާ ތަނަށެވެ. އެ ހާދިސާގައި ދެމީހަކަށް އަނިޔާވި އެވެ.

ފަސް އަހަރު ކުރިން މިއަދު – މާކަނާ ޝޯގެ ދެ އެނިމޭޓަރަކު ހައްޔަރުކުރި

މާކަނާ ޝޯގެ ދެ އެނިމޭޓަރަކު ހައްޔަރުކުރީ މީގެ ފަސް އަހަރު ކުރިން 13 ސެޕްޓެމްބަރު 2009ގަ އެވެ. އެއީ އިންޑިއާގެ ދެމީހުންނެވެ. ހައްޔަރުކުރީ ޖުމްހޫރީ މައިދާނުގައި ކުރަހަން ތިއްބަ އެވެ. އެމީހުން ކުރަހަމުންދިޔައީ ސިފައިންގެ އެވެ.

ތިން އަހަރުކުރިން މިއަދު – ޖުމްހޫރީ މައިދާނުގައި ސޯލާ ޑަސްބިންތަކެއް ބަހައްޓަން ނިންމި

ޖުމްހޫރީ މައިދާނުގައި ސޯލާ ޑަސްބިންތަކެއް ބަހައްޓަން މާލޭ ސިޓީކައުންސިލުން ނިންމީ މީގެ ތިން އަހަރު ކުރިން 13 ސެޕްޓެމްބަރު 2011 ގަ އެވެ. ނަމަވެސް އަދި އަދަށްދާންދެންވެސް އެބުނާ ޑަސްބިންތައް އެތާނގައި ބެހެއްޓިފައެއް ނުވެ އެވެ.

ދެ އަހަރުކުރިން މިއަދު – ދެ ޖިންސު މަސްހުނިވެ ނުނެށުމަށް އިސްލާމިކް މިނިސްޓްރީން އެންގި

ސަރުކާރުގެ ރަސްމީ ހަފުލާތަކާއި ތަފާތު މުނާސަބަތުތަކުގައި ދެ ޖިންސު މަސްހުނިވެގެން ބާއްވާ ނެށުމާއި ފުރާވަރުގެ އަންހެން ކުދިން ހިމަނައިގެން އެ ކުދިން ލައްވައި ނެއްޓެވުން ފަދަ ކަންތައް ރަސްމީ އިދާރާތަކުންނާއި އާންމު ފަރާތްތަކުން ވެސް ނުކުރުމަށް އަންގައި އިސްލާމިކް އެފެއާޒް މިނިސްޓްރީން މީގެ ދެ އަހަރު ކުރިން 13 ސެޕްޓެމްބަރު 2013ގައި ސާކިއުލާއެއް ނެރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް