ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޯށްލުމުން، ދެން އެ މައްސަލަ ޖެހޭނީ ސްޕްރީމް ކޯޓަށް ހުށަހަޅަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ކެންޕޭން ލީޑަރުން ތަމްރީނުކޮށްދިނުމަށް ބޭއްވި މަހާސިންތާގެ ދެ ވަނަ ބުރު ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުން ރާއްޖެ ވަޑައިގެން ވިދާޅު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދަތިކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަމޭ، ރާއްޖޭގެ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން މަސައްކަތް ކުރެއްވިޔަސް އެމަނިކުފާނު އުސޫލުން ބޭރުން ކަމެއް ނުކުރާނަން" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ނަޝީދު ސަލާމަތް ކުރުމަށް އެމްޑީޕީން ކުރާ މަސައްކަތާމެދު ވިދާޅުވީ އެ ޕާޓީގެ ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު އެ ކުރަނީ ރައީސް ނަޝީދު ސަލާމަތް ކުރުމަށް ކަމަށާއި އެއީ ކުރަންޖެހޭ ކަމެއްކާމާ މެދު ޝައްކު ނުކުރާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ޖަލަށްލާފައި އެ ވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުގެ ތެރެއިން ކަމަށާއި އެކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރެވޭނެ ގޮތެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަން ކޮށްދެވޭތޯ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި އެމަސައްކަތް އެމަނިކުނާފު ކުރެއްވީ އިސްތިއުނާފު ކުރެވޭނެ ގޮތް ނެތް މީހަކަށް އެކަން ކޮށްދިނުމަކީ ރައީސަށް ލާޒިމްކަމެއް ކަމުގައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް