ސަރުކާރު ބަންދު ނަމަވެސް މާދަމާ މަޖިލިސް ބޭއްވުމަށް މަޖިލީހުގެ ރައީސް ނިންމަވައިފި

ރާއްޖެ އަށް  ކުރަމުންދާ ވިއްސާރައާ ގުޅިގެން  މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ ބާއްވަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދ...

13 Aug 2024 | 18:50

ރާއްޖެ އަށް  ކުރަމުންދާ ވިއްސާރައާ ގުޅިގެން  މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ ބާއްވަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ނިންމެވީ ކުރިން ވެސް ތާވަލް ކޮށްފައިވާ ގޮތަށް މަޖިލިހުގެ މާދަމާގެ ޖަލްސާ ބާއްވާށެވެ. މާދަމާގެ ޖަލްސާ ފަށާނީ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 ގަ އެވެ.

މާދަމާގެ މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން ފުރަތަމަ ކަމަކަށް އޮތީ ބ. ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފު ޒާކިރު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ސުވާލު ކުރެއްވުމެވެ. އެއަށްފަހު އޮތީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވުމެވެ. އޭގެ ފަހުން އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އިބްތިދާއީ ބަހުސްގެ ގޮތުގައި ފުރަތަމަ އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓުގެ ބިލްގެ ބަހުސެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ދައުރުގެ ޗުއްޓީ އަށް ދިއުން ދެ ހަފުތާއަށް ފަސްކޮށް، މި ދައުރު ދަންމާލުމަށެވެ.މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން މި ދައުރުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އޭގެ ފަހުން މަޖިލިސް ޗުއްޓީގައި އޮތުމަށްފަހު ފަށާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

މިވަގުތު މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ހުރުމުން އަބްދުއްރަހީމް ވަނީ  މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުރުގެ މުއްދަތު އިތުރުކުރަން ގަސްދު ކުރައްވަވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިއަދު ނެގި ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާގުން ވަނީ ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް