ވިއްސާރައާއި ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަން ލެވެލް ތިނަކަށް ބަދަލުކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް ހާއްސަ މަސައްކަތެއް ކުރަމުން ދާ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ. އެގޮތުން...

13 Aug 2024 | 18:23

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް ހާއްސަ މަސައްކަތެއް ކުރަމުން ދާ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

އެގޮތުން،  ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ،މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަންޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިވުމާއި، ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖަހުމާއި އަދި ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ، ހދ. ނެއްލައިދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު އަދި އުލިގަމު ބައެއް ގޭގެއަށް ފެންވަދެފައިވާތީ އާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން، އިހަވަންދޫގެ 40 ގެ އާއި ކެލާ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން ވެސް ފުލުހުން  އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަދި ނޯތު ޕޮލިސް ރީޖަންއިން ވަނީ، ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

އަދި ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ،ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިވެދީފައިވެއެވެެ.

މީގެއިތުރުން ސައުތު ޕޮލިސްގައި ހިމެނޭ، އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފުލުހުން ދަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން  ހަރަކާތްތެރިވެ ބުރަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް