ފެންބޮޑުވާނެ ކަމަށް ލަފާ ކޮށް ކަމާގުޅޭ މުއައްސަސާތަކުން ދުރާލާ ދެހާހަށް ވުރެ ގިނަ ވެލިބަސްތާ ވަނީ ތައްޔާރުކޮށްފަ:މިނިސްޓަރ ޝަރީފް

ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވާނެ ކަމަށް ލަފާ ކޮށް ސިޓީސް މިނިސްޓްރީއާއި ކަމާގުޅޭ މުއައްސަސާތަކުން ދެހާހަށް ވުރެ ގިނަ ވެލިބަސްތާ ތައްޔާރު ކޮށްފައިވާ ކަމ...

13 Aug 2024 | 16:26

ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވާނެ ކަމަށް ލަފާ ކޮށް ސިޓީސް މިނިސްޓްރީއާއި ކަމާގުޅޭ މުއައްސަސާތަކުން ދެހާހަށް ވުރެ ގިނަ ވެލިބަސްތާ ތައްޔާރު ކޮށްފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު މާލެއަށް ވެހެމުންދާ ބޯވާރޭގެ ތެރޭގައި އެމިނިސްޓްރީގެ މުއައްޒަފުން ކުރައްވަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ތައި ކޮށްޓަށް ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއު އެއްގައެވެ.

" މިއަދު މިކަން ކުރިމަތިވާނެކަން އަޅުގަނޑުމެންނަށް އިންގޭތީވެ ދުރާލާ ސަރުކާރުގެ މުއައްސަސާ ތަކާވެސް ގުޅި ކޯޑިނޭޓް ކުރެވިގެން އަދި މިއަދު ހެދުނުވާނީ ޑިޒާރސްޓަރ މޭނޭޖްމެންޓް އޮތޯރިޓީއާއި ވެސް ބައްދަލުކޮށް މިކަމުގައި އަޅުގަނޑުމެން ކުރިއަށް ދާންވީގޮތަކާއިމެދު މަޝްވަރާ ކޮށްފައި. މިހާރު މާލޭގޭ އެކި ހިސާބާުތަކަށް ވެލިބަސްތާތައް ގެންދިއުމުގެ މަސައްކަތް މިވަނީ ފެށިފައި"  މިނިސްޓަރ ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތަތަކާއި މާލޭ ސިޓީކައުންސިލުން ވަރަށް ރަނގަޅަށް ކޯރޑިނޭޓް ކުރެވިގެން ރަނަގަޅު މަސައްކަތްތަކެއް ކުރެވިގެން ދާކަމަށާއި މިވަގުތު ހުޅުމާލެއިންވެސް ވެލިބަސްތާތައް މާލެއަށް މިހާރު ގެންނަމުން ގެންދާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި ހއ. އަތޮޅުގެ ނުވަ ރަށެއްގައި ފެންބޮޑުވެ އަދި ގެދޮރާއި މުދަލަށް ގެއްލުންވެގެން ރިޕޯޓް ކޮށްފައިވެއެވެ. އެރަށްތަކުގެ ފެން ހިންދުުގެ މަސައްކަތުގައި އެމް.އެން.ޑީ. އެފުން އަންނަނީ ބައިވެރި ވަމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި ހުޅަނގު މޫސުުމުގެ މި ވިއްސާރަ 5 ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް