ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ (14 އޮގަސްޓް ވާ ބުދަދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ހީނާ ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައި ކަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެ ގެތަކަށް ފެންވަދެ ވަރަށް ބޮޑެތި ގެއްލުން ތަށް ވެސް ލިބިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް