ރާއްޖޭގެ ދެކޮޅުގައި ދެ ކޮޅިގަނޑު އުފެދިއްޖެ

ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެފައިވާއިރު ރާއްޖޭގެ ދެކޮޅުގައި ދެ ސާކިއުލޭޝަން މިހާރު އުފެދިފައިވާކަމަށް މެޓުން ބުނެފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ލަންކާ ކައިރީގައި ރާ...

13 Aug 2024 | 15:23

ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެފައިވާއިރު ރާއްޖޭގެ ދެކޮޅުގައި ދެ ސާކިއުލޭޝަން މިހާރު އުފެދިފައިވާކަމަށް މެޓުން ބުނެފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ލަންކާ ކައިރީގައި ރާއްޖޭގެ އުތުރުގައި ސާކިއުލޭޝަނެއް އަދި އައްޑޫ ސިޓީގެ ބޭރުން ރާއްޖޭގެ ދެކުނުގައި ސާކިއުލޭޝަނެއް އުފެދިފައިވާކަމަށެވެ.

"މި ދެ ސާކިއުލޭޝަންގެ ބާރާ އެކީގަ އިތުރަށް މޫސުން ގޯސްވެގެން މިދަނީ" މެޓުން ވިދާޅުވިއެވެ.

މެޓުން މިރޭވެސް އިތުރަށް ވިދާޅުވީ މިއަދުގެ މޫސުމީ ޚަބަރުގައި ފާހަގަކޮށްފައިވާހެން ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.

މިއަދު މެޓުން ބުނެފައިވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި މީގެ އިތުރުން އާންމުވައި އުތުރާއި މެދުރާއްޖޭގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދު، އަދި ދެކުނުގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ހިފަހައްޓާނެކަމަށް ބެލެވޭކަމަށެވެ.

"ވިލާގަނޑުގައި ގަޑިއަކު  60 މޭލަށް ވައިގަދަވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ، އަދި ދިޔަވަރު ބޮޑުވާ ގަޑިގަޑީގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ މޫސުން ގޯސް ދުވަސްވަރެއްކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށާއި އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ސަލާމަތީ ކަންކަމަށް އިސްކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް