ރައީސް މަނަދޫގައި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. އެގޮތުން މިއަދު ހެނދުނު އެމަނިކުފ...

13 Aug 2023 | 13:19

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެގޮތުން މިއަދު ހެނދުނު އެމަނިކުފާނު ވަނީ، މަނަދޫ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ނ. އަތޮޅު ހޮސްޕިޓަލްގެ ހަ އޯޕީޑީ ރޫމާއި ލެބޯޓްރީ އަދި މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި، އިންޑޯރޖިމް އަދި ފުޓުބޯޅަދަނޑާއި، ފެނަކަ އޮފީސް ހުޅުއްވައި ދެއްވާފައެވެ.

މަނަދޫ ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސްތައް ގުޅައިދީފައެވެ.

މީގެ އިތުރަށް، ރައީސް މިއަދު ހުޅުއްވައި ދެއްވި، މަލްޓިޕަރޕަސް ހޯލަކީ، އެންމެ ޒަމާނީފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެކެވެ. މިޢިމާރާތުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހަމައެފަދައިން، ރައީސް ހުޅުވައިދެއްވި މަނަދޫ ފުޓުބޯޅަ ދަނޑަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ކުރިން އިންޑޯރ ޖިމްވެސް ހުޅުއްވައި ދެއްވާފައެވެ.

އަދި އެ ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މި ޢިމާރާތް ބިނާކޮށްފައި ވަނީ މަނަދޫގެ ބަނދަރު ސަރަޙައްދުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް