ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންގެ ކިބައިން ނައިބުރައީސް އެދިވަޑައިގަންނަވައިފި

ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ މަސައްކަތްތެރި ކުދިންތަކެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެ...

13 Aug 2023 | 13:13

ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ މަސައްކަތްތެރި ކުދިންތަކެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

މިގޮތަށް ނައިބު ރައިސް އެދިވަޑައިގަތީ އިއްޔެ ހަވީރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްކޫލް ކުދިން ތަރުބިއްޔަތުކުރުމުގައި ޓީޗަރުން މިހާރުވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާއިން ތަމްރީނުތައް ހިންގައި މީހުން ބިނާކުރުމަށާއި އަދި ޓީޗަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުވާލައިފައެވެ.

ނައިބު ރައީސް ވާހަކަފުޅުގައި ދުނިޔެއަށް އަންނަ ބަދަލުތަކަށް ޓީޗަރުންވެސް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވައި އައު މަޢުލޫމާތާއި ޢިލްމު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދިއުމަށް ހިތްވަރުދެއްވިއެވެ. އަދި ކުދިން ތަރުބިއްޔަރު ކުރުމުގައި މުޖުތަމަޢުގެ ތެރޭގައި ހުރި އެކި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި ކުރިޔަށްދެވޭނެ މަގު ކުދިންނަށް ދައްކައިދީ ކުދިންގެ ތަރުބިއްޔަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމަނިކުފާނު ޓީޗަރުންގެ ކިބައިން އެދިވަޑައިގެން ފައިވާ ކަމަށް ރައީސް އޮފީހުން ބުބެފައިވެއެވެ.

'ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން'ގެ ނަމުގައި ބޭއްވި މި މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ މާލީ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ. އަދި މި ފޯރަމަކީ މުދައްރިސުންގެ ފެންވަރުމަތި ކުރުމާ، އޯ ލެވެލަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާ، އުނގަންނައި ދިނުމުގެ މާޙައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަޤުޞަދުގައި ބޭއްވި ފޯރަމެކެވެ. މި ފޯރަމުގައި މާލޭ ސަރަޙައްދުގެ ސްކޫލް ތަކުގެ ގްރޭޑް 10،9 އަށް ކިޔަވައިދެއްވާ 258 ޓީޗަރުން ބައިވެރިވިއެވެ. މި ފޯރަމްގައި މަޢުލޫމާތު ދީފައިވާ މާއްދާ ތަކުގެ ތެރޭގައި އިނގިރޭސި ،ހިސާބު،ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސް ހިމެނޭއިރު ފޯރަމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައި ވަނީ، ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެކި ސެޝަންތަކަށް ބަހާލައިގެން ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މިފޯރަމްގައި ބައިވެރިވެރިވި ސްކޫލްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް