ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ފެނުގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ހެނބަނދޫގެ ބަނދަރާއި، އިންޖީނުގެއާ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ހެނބަދޫއަށް ވަޑައިގެންނެވީ އިއްޔެ މެންދުރުފަހުގައެވެ. ރައީސް އޮފީހުން ބުނާގޮތުގައި ހެނބަދޫ ފެނުގެ ނިޒާމްގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ނެވެ. އަދި ފެނުގެ ނިޒާމްގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާއިރު، 162 ފަރާތަކަށް ވަނީ ކަނެކްޝަން ގުޅައިދީފައެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް މިއަދު ފާހަގަކޮށްފައި ވާއިރު އެމަޝްރޫޢުގެ ދަށުން 235 މީޓަރުގެ ރިވެޓްމެންޓާއި، 25 މީޓަރުގެ ގްރޮއިން ވަނީ ޖަހާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރަށް، ރައީސް އިއްޔެ ހުޅުއްވައިދެއްވި، ހެނބަދޫ ބަނދަރަކީ، މިޒަމާނާއި ގުޅޭ ގޮތަށް ހަދާފައިވާ ބަނދަރެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން މިމަޝްރޫޢުގެ ދަށުން ވަނީ، ނެރު ބައްތިއާ ބަނދަރުބައްތި ޖަހައި، ޕޭވްމަންޓް ހަދާފައެވެ. ހެނބަދޫގެ ބަނދަރާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެނެވެ.
ހަމައެފަދައިން، ހެނބަދޫގެ ރައްޔިތުންނަށްޓަކައި ރައީސް ހުޅުވައިދެއްވި ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެއް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ498 ކިލޯވޮޓްއް ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް