ރިޔާސީ ކެމްޕޭންގައި އުޅުންވި ނަމަވެސް ސްކޫލުގެ ކަންކަން ގާތުން ބެއްލެވުމަށް އދ. ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން އަބްދުﷲ، އެޑިއުކޭޝަން މިނިސްޓްރުގެ އަރިހުގައި އެދިވަޑާއިގެންފިއެވެ.
ދިއްދޫ ސްކޫލުގައި ފެނާއި ކަރަންޓު ނެތުމުގެ މައްސަލަ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން އޮވެ، މި އަހަރުގެ ދިރާސީ އަހަރު ފެށުނު އިރުވެސް ހައްލު ނުވުމުން، އެރަށު ބެެލެނިވެރިންް ވަނީ ކުދިން ސްކޫލަށް ނުފޮނުވާ ހިފަހައްޓާފައެވެ.
އެ މައްސަލަ ހައްލުކުރަން ފެށުމުން އެރަށު ސްކޫލު ކުދިން މިއަދު ވަނީ ސްކޫލަށް ފޮނުވާފައެވެ.
އެކަމާ ގުޅިގެން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ޣައްސާން ވިދާޅުވީ، މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން އެ މައްސަލަ ދިމާވާތީ، ބެލެނިވެރިން އެ ޝަކުވާ ކުރަމުން ގެންދާ ކަމަށެވެ.
"ކަރަންޓު ނެތް އިރު، ކަރަންޓު ހުރި އިމާރާތަށް ސޮކެޓް ވާގަނޑެއް ޖަހައިގެން، އެއް ސޮކެޓް ވާގަނޑުން ފަހަރަކު ކްލާހަކަށް ކަރަންޓު ދިނީ. ފަަހަރަކު ކްލާހަކަށް އެއް ބޯޑު ވާގަނޑުން، ފާހަނާއަށްވެސް މަތިން ވާގަނޑެއް އަޅައިގެން އުޅުނީ. އެއީ ހައްލެއް ނޫން. އެންމެ ބޯޑު ވާގަނޑަކުން އެކި ފަހަރު އެކި ތަނަށް ބަދަލު ކޮށްގެން ކަރަންޓު ދެމުން ދިޔައީ" ސްކޫލުގެ ހާލަތު ކިޔައިދީ ޣައްސާން ވިދާޅުވިއެވެ.
އެގޮތަށް އަމަލު ކުރަމުންދިޔައިރު، އެއް ކްލާހަށް ކަރަންޓު ދޭއިރު ދެން ހުރި ކްލާސްތަކަށް ކަރަންޓު ނުލާ ކަމަށާއި، ދެން ކިޔަވައިދިނީ ޖީސީ ޕޭޕަރު ލާން ހަދާފަ ހުންނަ ގުދަނުގެ ތެރެއަށް ކުދިން ގެންގޮސްގެން ކަމަށް ޣައްސާން ވިދާޅުވިއެވެ.
" (އެއީ) ވައިކޮޅެއް ބޭރު ނުވާހެން ވަށައިގެން ބަންދު ކޮށްފަ ހުންނަ ތަނެއް. އޭސީއެއް ހުންނަ ތަނެއް ނޫން. އޭރު ފެން ސަކަރާތް ކަމުން ފާހަނަ ނުކުރެވޭ. ފެނަށް ކަރަންޓު އާދޭ. އެހެންވެ ކުދިން ފާހާނައަށް ދާން ޖެހުމުން ގެއަށް ފޮނުވަނީ. އެ މައްސަލަ ހައްލު ނުވާތީ ބެލެނިވެރިން ނުފޮނުވީ. ދެން މިހާރު ގާތްގަނޑަކަށް ހައްލު ވާނެ ކަމަށ މި ބަލަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ" ޣައްސާން ވިދާޅުވިއެވެ.
މިހާރު ސްކޫލު ކްލާސްތަކުގެ ސީލިންގް ނައްޓާލައިގެން ވައިރު އަޅައިގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޣައްސާން ވިދާޅުވިއެވެ. ނަމަވެސް މިހާރަށްވެސް ދީފައި ވަނީ ވަގުތީ ކަރަންޓެއް ކަމަށާއި މި ހަތްފާގެ ތެރޭގަ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޣައްސާން ފާހަގަ ކުރެއްވި ކަމަކީ، 22 ކުދިން ކިޔަވަމުންދާ، ސެޓެލައިޓް ސްކޫލަަކަށް ހަދާފައިވާ އެރަށު ސްކޫލުގައި ކްރޯމްބުކް ނެތުމެވެ. އަށް ކުދިން ކްރޯމްބުކް އިން ކިޔަވާއިރު، މިިދިޔަ އަހަރު އެ ސްކޫލަށް ލިބިފައި ވަނީ އެންމެ ކްރޯމްބުކް އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާކީ ތިބި ހަތް ކުދިންނަށް ކްރޯމް ބުކް ލިބުނީ އިއްޔެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ސެޓެލައިޓް ސްކޫލެއް ހިންގާއިރު ކްރޯމް ބުކް ނެތި، ކަރަންޓު ނެތުމުން ކުދިން ސްކޫަލަށް ފޮނުވުމުގެ ބޭނުމެއް ނެތް ކަމަށް ބެލެނިވެރިން ގަބޫލުކޮށް، ކުދިން ސްކޫލަށް ނުފޮނުވާ ހިފެހެއްޓީ ކަމަށް ޣައްސާން ވިދާޅުވިއެވެ.
"އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާލަން، އާބާދީ މަދަކަސް ހަމަ މި ރަށަށްވެސް ކޮންމެސް ވަރަކަށް ހަމަ އިސްކަމެއް ދެއްވުން. ކުދިން މަދަކަސް ހަމަ މިވެސް ކިޔަވާ ސްކޫލެކޭ. އެހެންމަ އަދި ކެމްޕޭނުގަ އުޅުއްވިޔަސް މި ކަންކަމަށްވެސް އިސްކަން ދީގެން ތަންކޮޅެއް ގާތުން ބަލަން. އަޅުގަނޑު ހަމަ ވަރަށް އާދޭހާއެކު މި ދަންނަވަނީ އެބޭފުޅާއަށް، މިކޮޅަށް ދުރުވެ މި ސްކޫލުގެ ހާލަތު ބައްލަވާލެއްވުން. އެއީ އަޅުގަނޑުމެންވެސް ބެލެނިވެރިންގެވެސް ވަރަށް ބޮޑު އުންމީދެއް. އެ ބޭފުޅާ މިކޮޅަށް ވަޑައިގެން އަޅުގަނޑުމެންގެ ހުރި ދަތިތައް ލޮލުން ބައްލަވާލެއްވުން" ޣައްސާން ވިދާޅުވިއެވެ.
އޭރު ބެލެނިވެރިން، ކުދިން ސްކޫލަށް ނުފޮނުވީ ކަރަންޓު ނެތުމުންކަން ފާހަގަ ކުރައްވައި ޣައްސާން ވިދާޅުވީ، މިހާރު މަތިން ކޭބަލް އަޅައިގެން އެތަނަށް ކަރަންޓު ދީފައިވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ދިއްދޫ ސްޓެލްކޯ މުވައްޒަފުން ތިން ދުވަހުން ކުރި މަސައްކަތުން ކްލާސްތަކަށް ކަރަންޓު ދީފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ މަސައްކަތް އެއްކޮށް ނިންމާ ނުލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް