ކެމްޕޭން ދުވަސްވަރު ސަރުކާރުގެ މަޝްރޫއުތައް އިއުލާނު ކޮށް ބިންގާ އެޅުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީއިން ބުނީ، ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ނުވަތަ ސަރުކާރު ކުންފުނިތަކުން ތަރައްގީގެ މަޝްރޫއުތައް ފެށުމާއި މަޝްރޫއުތަކުގެ ބިންގާ އެޅުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ބެލެވޭނެ ކަމަށެވެ.
އަދި ކޮރަަޕްޝަންގެ އަމަލެއް ހިނގާކަން އެނގޭނަމަ ރިޕޯޓު ކުރަން ޓްރާންސްޕޭރެންސީއިން ވަނީ ހަނދާންކޮށްދީފައެވެ.
އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕޯޓަލްއެއް ގާއިމު ކޮށްފައެވެ.
https://twitter.com/TransparencyMV/status/1690234155756376064?t=WQHXv61cF1q4QyL9S2lGHw&s=35
މި ޕޯޓަލް މެދުވެރިކޮށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، ހުށަހެޅޭނެއެވެ.
މި ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބައްލަވައިލެވޭނެއެވެ.
މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށެވެ. އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޕޯޓަލް މެދުވެރިކޮށް މައްސަލައާގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މަޢުލޫމާތު ހިމެނުމަށް ޚާއްޞާ ސަމާލުކަމެއް ދޭންވާނެއެވެ.
ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވާނަމަ ފޯމު ބަލައެއް ނުގަންނާނެއެވެ. އަދި އެ ކޮމިޝަނުގެ އިޚްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް އެޕޯޓަލް މެދުވެރިކޮށް ހުށަހެޅިނަމަވެސް އެފަދަ މައްސަލައެއް އޭސީސީގައި ރަޖިސްޓަރީ ނުކުރެވޭނެ ކަމަށް އޭސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް