ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާ، އެރަށު ކައުންސިލުން ހިއްޞާކުރައްވައިފިއެވެ.
ނޮޅިވަރަމް ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަމް ކައުންސިލާ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ނަރުދަމާ ފުރިހަމަވެފައި ނެތުމާއި އައު އިންޖީނުގެ އެޅުމާއި ޒަމާނީފެންވަރަށް މަގުތައްހަދައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ވެސް ވަނީ ހިއްޞާކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބައްލަވައި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމުގައެވެ. އަދި މުއައްސަސާތަކުން ފާހަގަކުރި ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުޙަލާގައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައިީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ވަނީ ނޮޅިވަރަމް ހެލްތު ސެންޓަރަށާއި ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.
މިގޮތުން ނޮޅިވަރަމް ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އެތަނުގެ ވަސީލަތްތަކާއި ޚިދުމަތް ހުރިނެތް ގޮތް އޮޅުން ފިލުއްވައި ޞިއްޙީމަރުކަޒުގައި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ޙާލު ބައްލަވާފައެވެ. އަދި އެމަނިކުފާނުވަނީ، ނޮޅިވަރަމް ސްކޫލަށް ޒިޔާރަތްކުރައްވައި އެސްކޫލުގެ ކަންކަން ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން ނޮޅިވަރަމް ސްކޫލުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅުކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ. ނޮޅިވަރަމަށް ވަޑައިގެންނެވުން އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް