ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިއަދު ހަވީރު ނެވަ ގިވްއަޕް އެސްސީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ކަންމަތި އެފްސީން ބޮޑުކޮށްފިއެވެ.
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ނެވަ ގިވްއަޕް އެސްސީއާއި ވާދަކޮށް ކަންމަތި އެފްސީ މޮޅުވެފައިވަނީ 1-7 ގެ ނަތީޖާއިންނެވެ.
މިއަދު ހޯދި މޮޅާއި އެކު އެޓީމުން ކުއާޓާގެ އުންމީދު ބޮޑުކުރި އިރު، އެޓީމު އަތުން ބަލިވި ނެވަ ގިވްއަޕް އެސްސީ އަށް ވެސް މުބާރާތުގެ ކުއާޓާ އަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.
މި މުބާރާތުގައި މިހާތަނަށް ކަންމަތި އެފްސީން ދެ މެޗު ކުޅެފައިވާއިރު، މި ދެމެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. ނެވަ ގިވްއަޕް އެސްސީން ވެސް މިހާތަނަށް ދެމެޗު ކުޅެފައިވާއިރު، އެޓީމުން ގުރޫޕު ސްޓޭޖުގައި ފިލިއޮސް އާއި ދެކޮޅަށް ކުޅުނު ފުރަތަމް މެޗުން ވަނީ މޮޅުވެފައެވެ. އެހެންކަމުން ގުރޫޕު ސްޓޭޖުގެ ފަހު މެޗު ކާމިޔާބު ކޮށްގެން ކުއާޓާ އަށް ދިއުމުގެ ފުރުސަތު އެޓީމަށް އަދި އެބައޮތެވެ.
ކަންމަތި އެފްސީ މިހާތަނަށް ކުޅުނު ދެމެޗުގެ ނަތީޖާއަށް ބަލާއިރު، ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ އައުޓްރީފް އެފްސީ އަތުން 1-6 އިން މޮޅުވެފައެވެ. އަދި ދެވަނަ މެޗުން އެޓީމު މޮޅުވެފައިވަނީ މިއަދު ހަވީރު ނެވަ ގިވްއަޕް އެސްސީ އަތުން 1-7 ގެ ނަތީޖާއިންނެވެ. ނެވަ ގިވްއަޕް އެސްސީގެ ނަތީޖާތަކަށް ބަލާއިރު އެޓީމު މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ ފިލިއޮސް އެފްސީއާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ. ނަމަވެސް ދެވަނަ މެޗުން ކަންމަތި އެފްސީ އާއި ވާދަކޮށް ވަނީ ބަލިވެފައެވެ.
މިއަދުގެ މެޗުގައި ކަންމަތި އެފްސީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުޙައްމަދު ސިނާހު އާއި އިބުރާހީމް ޝަރީފުގެ އިތުރުން މުޙައްމަދު އިސާމް އެވެ. މި މެޗުގައި މުޙައްމަދު ސިނާހު ދެ ލަނޑު ކާމިޔާބު ކޮށްފައިވާއިރު މުޙައްމަދު އިސާމް ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ނެވަ ގިވްއަޕް ގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ޝާމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި އެފްސީގެ މުޙައްމަދު އިސާމްއެވެ.
މި މުބާރާތުގައި ކަންމަތި އެފްސީން ކުޅެން ޖެހޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ ފިލިއޮސް އެފްސީއާއި ދެކޮޅަށެވެ. އަދި ނެވް ގިވްއަޕް އެސްސީ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނިކުންނާނީ އައުޓްރީފް އެފްސީއާއި ދެކޮޅަށެވެ. މި މެޗު ކުލޭނީ 15 ވަނަ ދުވަހުގެ ރޭ 10:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް