ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އާއި ގުޅިގެން ޓިކްޓޮކްގައި މަޝްހޫރު ފަންނާނު މަރިޔަމް ޝިފާ ހުރީ ސަސްޕެންޑުކޮށްފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.
އޭނާ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގަ ޝިފާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ
މި މައްސަލައިގަ އޭނާ މިއަހަރު ތެރޭގައި ސޮއި ކުރި އެމްއެންޕީން ބުނެފައިވަނީ އެ މައްސަލަ އެ ޕާޓީން ބަލަމުންދާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން "ދުވަސް" އިން ތަކުރާރުކޮށް ސުވާލު ކުރުމުން އޭނާ އާއި މެދު އެޅި ފިޔަވަޅެއް ބުނެދެވިފައެއް ނުވެ އެވެ.
އެކަމަކު މިހާރު އެ ޕާޓީގެ ތަރުޖަމާޏު ޝިދާތާ ޝަރީފު މީޑިއާގައި ވިދާޅުވީ ޝިފާ ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ފިޔަވަޅެއް އަޅާނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމުމުން ކަމަށެވެ.
ޝިދާތާ ވިދާޅުވީ ހިނގަމުންދާ ތަހުގީގެއްގެ ތެރެއަށް އެ ޕާޓީ ވަންނަން ބޭނުން ނުވާ ކަމަށެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ލީކުވި ވީޑިއޯތަކުގައި ޝިފާކަމަށް ބެލެވޭ އަންހެން ކުއްޖަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވަނީ ފެނިފައެވެ.
އެ މައްސަލައިގާ ޝިފާ ބުނެފައިވަނީ ދައުރުވަމުންދާ ވީޑިއޯ އާއި އޭނާ އާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކައަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ އަސްލެއް ނެތް އެޑިޓެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ ބަޔަކު ގަސްތުގައި ދުރާލާ ރާވައިގެން އޭނާގެ އަބުރު ވެއްޔާއި މޮޑެލަށް ހެދި އެއްޗެއް ކަމަށާއި އެ ވީޑިއޯ ހެދީ އޭނާގެ މަޝްހޫރު ކަމަށް ހިޔަނި އަޅުވަން ފިލްމީ ދާއިރާގައި އުޅޭ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް ޝިފާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ އެފަދަ ހަޑިމުޑުދާރު އަމަލެއް ބަޔަކު ހިންގީ އޭނާއަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު މަޝްހޫރު ކަމުން ކަމަށާއި އޭނާއަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ތަރި ކަމަށެވެ. އަދި އެއީ ބެލުންތެރިންގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ސުޕަރ ސްޓާރެއް ކަމަށެވެ.
އޭނާ އާއި ގުޅޭގޮތުން ދޮގު ވީޑިއޯއެއް ހެދުމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބައެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ވެސް ޝިފާ ވަނީކުރިން ބުނެފައެވެ.
ހަމަމިއާއެކު އެ ވީޑިއޯތަކުގެ މައްސަލައިގާ ޝިފާގެ ނަމުގައި ފޭސްބުކް ގެ ޕޭޖެއްގައި ކޮމެންޓުތަކެއް ދައުރުވަމުންދާތީ އެކަމާއިގުޅިގެން ޝިފާ ބުނެފައިވަނީ “ފޭސްބުކްގައި މަރިޔަމް ޝިފާގެ ނަމުގައި ހިންގަމުން އެ ދަނީ އަސްލު ޕޭޖެއް ނޫން” ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް