ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މިއަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ އެހެން ގައުމުތަކުގެ މީހުން މިއަދުގެ ނިޔަލަށް އެ ގައުމުން ފައިބަން ޖެހޭނެ ކަމަށް އަންގައިފި އެވެ.
ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހައްޖަށް މީހުން ގެންދިޔަ ޓްރެވަލް އެޖެންސީތަކަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ އަދިވެސް ގިނަ ބަޔަކު އެ ގައުމުގައި ހައްޖު ވިސާގައި އެބަތިބި ކަމަށެވެ. އެމީހުން އަނބުރާ ގައުމަށް ފޮނުވުމަކީ އެ އެޖެންސީތަކުގެ ޒިންމާއެއް ކަމުން އެ ޒިންމާ އަދާ ކުރުމަށް އަންގާފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މިއަދުގެ ފަހުން ހައްޖު ވިސާގައި އެ ގައުމަށް އެތެރެވެފައި ތިބި މީހުންގެ ތެރެއިން މަޑު ކުރެވޭނީ އިތުރަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް އެޖެންސީތަކާއި އެކު އެއްބަސްވުން ހަދައި ފައިސާގެ މަރުހަލާ ނިންމާފައިވާ މީހުންނާއި ސިއްހީ ސަބަބަކާއި ގުޅިގެން ވިސާގެ މުއްދަތު އިތުރުކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.
މިފަދަ މީހުންގެ މައުލޫމާތު މިއަދުގެ ނިޔަލަށް އެ މިނިސްޓްރީއަށް އެޖެންސީތަކުން ފޮނުވަން އަންގާފައިވެ އެވެ.
މުހައްރަމް މަހުގެ އެއް ވަނަ ދުވަހު މިއަހަރުގެ އުމްރާ ސީޒަން ފެށިފައިވާއިރު އުމްރާ ކުރަން ބޭނުންވާ މީހުންނަށް ފަހި ފުރުސަތުތަކެއް އެ މިނިސްޓްރީން ދަނީ ފަހިކޮށްދެމުންނެވެ. އެގޮތުން އުމްރާ ވިސާގައި އެތެރެވާ މީހުންގެ އިތުރުން ޓޫރިސްޓު ވިސާ އާއި ވިޔަފާރި ވިސާގައި އެ ގައުމަށް ދާ މީހުންނަށް ވަކި ހުއްދައެއްގެ ދަށުން އުމްރާވުމުގެ ފުރުސަތު ދޭ ގޮތަށް ނިންމާފައިވެ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްމިލިއަން މީހުން އަދާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް