ސްރީ ލަންކާގެ ކުރީގެ ރައީސް، ގޮތާބޭ ރާޖަޕަކްޝްޔަ ސިންގަޕޫރުން ތައިލެންޑަށް ދަތުރުކޮށްފިއެވެ.
މުއުތަބަރު މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ރޭގެ ވަގުތެއްގައި ގޮތާބޭ ސިންގަޕޫރުން ތައިލެންޑަށް ގޮސްފައިވަނީ ޕްރައިވެޓް ޖެޓެއްގައެވެ. އެ ޖެޓް ލޭންޑުކުރީ ބެންކޮކުގެ ޑޮން މުއާން އެއާޕޯޓަށް ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ތައިލެންޑުން ބުނެފައިވަނީ އެގައުމަށް ގޮތާބޭ އެތެރެވުމުގެ ރިކުއެސްޓެއް ލިބުނު ކަމަށާއި ގޮތާބޭ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮންނައިރު އެ ގައުމަށް އެތެރެވުމުގައި ހުރަހެއް ނެތަތީ އެ ހުއްދަ ދީފައިވާނެކަމަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ތައިލެންޑުގައި 90 ދުވަހު މަޑު ކުރެވޭނެއެވެ.
ގޮތާބޭ ތައިލެންޑަށް ގޮސްފައިވާއިރު އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ރޭ ގައުމަށް ފިއްލަވައިގެން ގޮތާބޭ އާއި އޭނާގެ އަނބިކަނބަލުން ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖޭގައި ގާތްގަނޑަކަށް އެއް ދުވަހު މަޑުކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ ސިންގަޕޫރަށެވެ.
މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ.
ގޮތާބޭ ގައުމު ދޫކުރެއްވީ ގައުމުގެ އާއްމު ހާލަތު ބޮއްސުންލައި، އާއްމު ރައްޔިތުންގެ ޒަރޫރީ މުހުތާދުތައް ފުއްދައިނުދެވޭވަރަށް ގައުމުގެ ހާލަތު ދަށްވުމުން ރައްޔިތުން ނިކުމެ ގޮތާބޭގެ ރަސްމީ އޮފީސް ހިސޯރު ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް