ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުޅުދުއްފުށި ސިޓީއަށާ ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ފުރާ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ނައިބު ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ކުޅުދުއްފުށި ސިޓީއަށް ކަމަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެއެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ.ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ޞިއްޙީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް