މި އަހަރުގެ ބެލޮންޑޯ އެވޯޑް ލިސްޓުގައި ރޮނާލްޑޯގެ ނަން ހިމެނުނުއިރު، މެސީގެ ނަމެއް ނުހިމެނުނު

ފްރާންސް ފުޓްބޯލް މެގަޒިންއިން މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑޯ އެވޯޑަށް މި ފަހަރު ނޮމިނޭތުވި 30 ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަ...

13 Aug 2022 | 03:41

ފްރާންސް ފުޓްބޯލް މެގަޒިންއިން މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑޯ އެވޯޑަށް މި ފަހަރު ނޮމިނޭތުވި 30 ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ހިމެނުނުއިރު، ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާއާއި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީއަށް އެ ލިސްޓުން ޖާގަ ގެއްލިއްޖެއެވެ.

ހަތް ފަހަރު ބެލޮންޑޯ އެވޯޑް ހޯދާފައިވާ އަދި އެންމެ ފަހުން މި އެވޯޑު ހާސިލް ކުރި މެސީއަށް މިއަހަރުގެ ލިސްޓުން ޖާގަ ގެއްލުނުއިރު، މިހާތަނަށް ފަސް ފަހަރު މި އެވޯޑް ހޯދާފައިވާ ރޮނާލްޑޯ މިއަހަރުގެ ލިސްޓުގައި ހިމެނިފައިވަނީ 20 ވަނާގައެވެ.

2005 ވަނަ އަހަރު ފެށިގެން އައި ކޮންމެ އަހަރެއްގައި ބެލޮންޑޯ ލިސްޓުގައި ޤަވައިދުން ހިމެނެމުން އައި މެސީ އަށް މި އަހަރުގެ ލިސްޓުން ޖާގަ ގެއްލުނީ މިދިޔަ ސީޒަނުގައި ޕީއެސްޖީގައި ދެއްކި ދައް ކުޅުމުގެ ސަބަބުންނެވެ. އެހެން ކަމުން ނިމިގެން ދިޔަ ސީޒަނުގައި ޕީއެސްޖީއަށް މެސީ ދެއްކި ކުޅުމަށް ބަލާފައި ބެލޮންޑިއޯ ޖަޖިން ޕެނަލުން ނިންމީ މެސީ މި އަހަރުގެ ލިސްޓުގައި ނުހިމެނުމަށެވެ.

ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެ ރަނގަޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ޔުނައިޓެޑަށް 24 ގޯލު ޖަހައިދީފައެވެ. އަދި މެސީ އަށް ނިމިގެން ދިޔަ ސީޒަނުގައި ކާމިޔާބު ކުރެވުނީ އެންމެ 11 ގޯލެވެ. މެސީގެ އިތުރުން އޭނާއާއި އެއް ކުލަބަކަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ނޭމާ ވެސް މި ފަހަރުގެ މި ލިސްތުގައި ހިމެނިފައެއް ނުވެއެވެ.

މިފަހަރުގެ ބެލޮންޑޯ އެވޯޑަކީ ފޯމެޓް ބަދަލުކުރި ފަހުން ދޭ ފުރަތަމަ އެވޯޑެވެ. މީގެ ކުރިން މި އެވޯޑް ދެމުން އައީ ކަލަންޑަރު އަހަރަކު އެއްފަހަރުއެވެ. ނަމަވެސް ފަހުން މި ފޯމެޓަށް ބަދަލު ގެނެސް ބެލޮންޑޯ އެވޯޑް ސީޒަނަކު އެއްފަހަރު ދޭ ގޮތަށް ފްރާންސް ފުޓްބޯލް މެގަޒިންއިން ވަނީ ހަމަޖައްސާފައެވެ. އެހެން ކަމުން މި ފަހަރުގެ ނޮމިނޭޝަން ލިސްޓުގައި ހިމެނިފައިވާ ކުޅުންތެރިންގެ ނަންތަކަކީ މިދިޔަ ސީޒަނުގެ ކުޅުމަށް ބަލައިގެން ހިމަނާފައިވާ ނަންތަކެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ދިނުމުގެ ހަފްލާ އޮތީ އަންނަ އޮކްޓޫބަރު މަހު 17 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް