އެފްވައިއެފްސީ 2022 - ކަންމަތި އެސްސީ ކުއާޓާ ފައިނަލާއި ފިޔަވަޅެއް ގާތަށް ޖެހިލައިފި

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި ރޭ އިސްދޫ ކައުންސިލްގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލާއި ފިޔަވަޅެއް ގާތަށް ކަންމަތި އެސްސީއ...

13 Aug 2022 | 02:59

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި ރޭ އިސްދޫ ކައުންސިލްގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލާއި ފިޔަވަޅެއް ގާތަށް ކަންމަތި އެސްސީއިން ޖެހިލައިފިއެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރޭ އިސްދޫ ކައުންސިލާއި ވާދަކޮށް ކަންމަތި އެސްސީ މޮޅުވެފައިވަނީ 2-4 ގެ ނަތީޖާއިންނެވެ.

ރޭގައި ހޯދި މޮޅާއި އެކު އެޓީމުން ކުއާޓާގެ އުންމީދު ބޮޑުކުރި އިރު، އެޓީމު އަތުން ބަލިވި އިސްދޫ ކައުންސިލުގެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ އަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.

މި މުބާރާތުގައި މިހާތަނަށް ކަންމަތި އެސްސީން ދެ މެޗު ކުޅެފައިވާއިރު، މި ދެމެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އިސްދޫ ކައުންސިލުން ރޭގައި ކުޅުނީ ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗެވެ. އެހެން ކަމުން އެޓީމަށް އަދި ގުރޫޕު ސްޓޭޖުގައި ބާކީ ދެމެޗު އެބައޮތެވެ. މި ދެމެޗު ކާމިޔާބު ކޮށްގެން މުބާރާތުގެ ކުއާޓާ އަށް ދިއުމުގެ ފުރުސަތު އަދި އެޓީމަށް ވެސް އެބައޮތެވެ.

ކަންމަތި އެސްސީ މިހާތަނަށް ކުޅުނު ދެމެޗުގެ ނަތީޖާއަށް ބަލާއިރު، ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ހަފެލެ އެފްސީ 2-21 ލަނޑުން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި އެޓީމު މޮޅުވެފައިވަނީ ރޭ އިސްދޫ ކައުންސިލް އަތުން 2-4 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ކަންމަތި އެސްސީން ކާމިޔާބު ކުރި ހަތަރު ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަލީ ހާފިޒު (ހާއްޕެ) އެވެ. އިސްދޫ ކައުންސިލްގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ފަޔާޒު އާއި އަލީ މީސާގު އީސައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ހަތަރު ލަނޑު ޖަހައިދިން އަލީ ހާފިޒު (ހާއްޕެ) އެވެ.

ގުރޫޕު ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ކަންމަތި އެސްސީ ނުކުންނާނީ ނެވަ ގިވަޕް އެސްސީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

އަދި ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗުގައި އިސްދޫ ކައުންސިލުން ނިކުންނާނީ އެލްވައިޑީއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ 10:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް