ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި ރޭ ގޯޅި ޔޫތް އެކްސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު އެޓީމުން ބޮޑުކޮށްފިއެވެ.
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރޭ ގޯޅި ޔޫތާއި ވާދަކޮށް ސިކްސް ސެންސް ލާމު މޮޅުވެފައިވަނީ 1-9 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ރޭގައި ހޯދި މޮޅާއި އެކު އެޓީމުން ކުއާޓާގެ އުންމީދު ބޮޑުކުރި އިރު، އެޓީމު އަތުން ބަލިވި ގޯޅި ޔޫތަށް މުބާރާތުގެ ކުއާޓާ އަށް ދިއުމުގެ ދޮރު ވަނީ ގާތްގަނޑަކައްހެން ބައްދުވެފައެވެ.
މި މުބާރާތުގައި މިހާތަނަށް ދެޓީމުންވެސް ދެ މެޗު ކުޅެފައިވާއިރު، ދެން ކޮންމެ ޓީމަކަށް ވެސް ގުރޫޕު ސްޓޭޖުގައި ބާކީ އޮތީ އެއް މެޗެވެ. މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ސިކްސް ސެންސްއަށް ކުއާޓާ އަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މި ދެޓީމުން މިހާތަނަށް ކުޅުނު ދެމެޗުގެ ނަތީޖާއަށް ބަލާއިރު، ސިކްސް ސެންސް ލާމުން އެންމެ ފުރަތަމަ ޑީކޭއެންޒެޑު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-6 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗު ގޯޅި ޔޫތާއި ވާދަކޮށް އެޓީމު މޮޅުވެފައިވަނީ 1-9 ގެ ނަތީޖާއިންނެވެ. ގޯޅި ޔޫތުން މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، އެޓީމު ގުރޫޕު ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި އެޓީމު ބަލިވީ ސިކްސް ސެންސް ލާމާއި ވާދަކޮށް 1-9 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ސިކްސް ސެންސް ލާމަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ސޮބާހު، މުޙައްމަދު މަހުދީ އަދި އާދަމް ރާފިއުއެވެ. މި މެޗުގައި އަޙުމަދު ސޮބާހު ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި މުޙައްމަދު މަޙުދީ އާއި އާދަމް ރާފިއު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ފަސް ލަނޑު ޖަހައިދިން އަޙުމަދު ސޮބާހުއެވެ.
ގޯޅި ޔޫތުގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ މުޖުތާޒު އަލީއެވެ.
ސިކްސް ސެންސް ލާމު އަދި ގޯޅި ޔޫތު ގުރޫޕު ސްޓޭޖުގައި ކުޅޭ ފަހު މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ގޯޅި ޔޫތު ނިކުންނާނީ ޑީކޭއެންޒެޑާއި ދެކޮޅަށެވެ. އަދި ހަމަ އެ ރޭގައި ސިކްސް ސެންސް ލާމު ނިކުންނާނީ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް