ހިޔާ ޔޫނިއަން އިން އިންތިޒާމުކޮށްގެން މިއަދުބޭއްވި ސުލްހަވެރި އިޖުތިޖާޖު ނިންމާލައިފި އެވެ.
މިއީ ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ކަމާއިގުޅުން ހުރި އިދާރާތަކަށް ފޯރުކޮށް ދިނުމަށް އުފައްދާފައިވާ "ހިޔާ ޔޫނިއަން" އިން މިއީ މިފަދަ ހަރަކާތެއް މަގުމަތީގައި ބޭއްވި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެކުރިން އެ ޔޫނިއަނުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަހިމޭން އިހުތިޖާޖެއް ކޮށްފަ އެވެ.
ހިޔާ ޔޫނިއަން އިން ދުވަސް އެމްވީ އަށް ބުނީ ޔޫނިއަންގެ މަސައްކަތްތައް ބައްޓަންކޮށް ތަރުތީބުކުރެވިފައިވަނީ ވަރަށްވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ކަންކަން ތަރުތީބުވެފައިވާ ގޮތަށް މަރުހަލާތަށް ކަޑައްތުކޮށް ކުރިއަށްދާ ކަމަށެވެ.
" މިއަދުގެ އެއްވުމަކީ މި ސޯޝަލް ނެޓްވޯކުގެ ތެރެއިން އުފަންކުރެވުނު ކަމެއް. އަދި މި އެއްވުމުގެ ފުރަތަމަ ފިޒިކަލް ހަރަކާތް، ޔޫނިއަންގެ ލޮބުވެތި މެމްބަރުން މިއަދު ދެއްކެވި ނަމޫނާއަކީ ތާރީޚީ ރީތި ނަމޫނާއެއް. އެކަމަށްޓަކައި މި ޔޫނިއަންގެ ފައުންޑަރ މެމްބަރުން އަދި ލީޑަރުން ފަޚުރުވެރިވަން، ކިޔަމަންތެރިކަމާއި އަދަބުވެރިކަމާއެކު އަޑުގަދަ ނުކޮށް، އެއްވެ، އެއްތަނެއްގައިތިބެ ތިބޭފުޅުންގެ ޝުޢޫރު ލައިވް މީޑިއާއަށް ތިލަކޮށް ކަންބޮޑުވުންތައް ހިއްސާކުރީ ނުހަނު ފުރިހަމައަށް، އެކަމަށްޓަކައި ޝުކުރު ދަންނަވަން." ހިޔާ ޔޫނިއަން އިން ބުންޏެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދިނުމަށް އުފައްދާފައިވާ މި ޔޫނިއަންގެ މަސައްކަތް އުފެދި ބައްޓަންވެގެން އައިސްފައިވަނީ މައިގަނޑު 03 ޑިމާންޑަކަށް ވަކާލާތުކުރަމުން ނެވެ.
އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ޕެޓިޝަނެއް ތައްޔާރުކޮށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ހަވާލުކޮށްފައިވާ އިރު، އެ ފަރާތްތަކުން ޑިމާންޑު ކުރަނީ ފްލެޓްތަކުގެ މަހު ކުލި -/5600ރ އަށް ހެދުމަށާއި އިންޓީރިއާ ފިނިޝިން އަށް 12 މަހުގެ ގުރޭސް ޕީރިއެޑްދިނުމަށާއި ފްލެޓުތަކުގެ ޔުނިޓަކަށްޖެހޭ ޖުމްލަ އަގުން ޔުނިޓުގެ އިންޓީރިއާއަށް ޚަރަދުވާ އެވްރެޖް އަގު ކަމުގައިވާ 100،000ރ ޖުމްލަ އަގުން މަޢާފްކޮށްދިނުމަށެވެ.
މި އިހުތިޖާޖު ބާއްވާފައިވަނީ މިއަދު ހަވީރު 16:05 އިން 16:40 އަށް ހުޅުމާލޭ ފޭސް 2 ގެ (H08 އާއި H12) އާއި ދެމެދު އެވެ.
އެ ޑިމާންޑުތަކަށް އަވަސް ހައްލު ލިބެންދެން ކެނޑިނޭޅި މި މަސައްކަތް ކުރިއަށް ގެންދާނޭ ކަމުގެ ޔަޤީންކަން އެ ޔޫނިއަނުން ވަނީ ދީފަ އެވެ. އަދި ފާއިތުވެދިޔަ ތަނުގައި ވެސް ވަނީ އެކި ވުޒާރާތަކަށް އެކަންކަމުގައި ހައްލެއް ހޯދުމަށް ގޮސްފަ އެވެ.
އެގޮތުން ރައީސް އޮފީސް، ހައުސިންގ މިނިސްޓްރީ، އެޗްޑީސީ އަދި ބީއެމްއެލް އަށް ވަނީ ހިޔާ ޔޫނިއަން އިން ގޮސް މަޝްވަރާތައް ކޮށްފަ އެވެ.
އެ ޔޫނިއަން އިން އުއްމީދު ކުރަނީ އެ މަޝްވަރާތަކުގެ އަލީގައި ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް