ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ޕޭވިންގ މަސައްކަތް، ރަސްމީކޮށް ފަށައިފި އެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.
މިލަންދޫ މަގުހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ 12 މާޗް 2021 ގަ އެވެ. އަދި 156.4 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 705 ދުވަސް ތެރޭގަ އެވެ.
މި މަޝްރޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު، މިއީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އާރުޑީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މިމަޝްރޫއުގެ ދަށުން 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ އެވެ.
މިލަންދޫގެ މަގުތައް މީގެ ކުރިން އޮތް ގޮތުން އެރަށުގެ ރައްޔިތުންނަށް ގިނަ ދަތި ތަކާ ކުރިމަތި ވެއެވެ. އަދި މަގުތަކުގައި ފެން ބޮޑުވުމަކީ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ.
އެހެންނަމަވެސް މަގުތައް ހަދާ ނިމުމުން މިހާރު އެރަށު ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ލިބި، ޚާއްސަކޮށް މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެ އެވެ.
އާރްޑީސީ އިން ބުނީ މި މަޝްރޫއުގެ ތެރެއިން މިހާރު ވަނީ އެރަށު ޝަހީދުއަލީ ހިނގުން ފިޔަވާ ހުރިހާ މަގެއްގައި ހޮޅި ވަޅުލާ ނިމިފައި ކަމަށެވެ. އަދި ރޯޝަނީ މަގުގެ ޕައިޕްލައިން އެޅުމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން މުޅި މަޝްރޫއަށް ބޭނުންވާ ކާބްސްޓޯން ތައްޔާރު ކުރުމުގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ ސާމާނެއް ތައްޔާރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އާރްޑީސީ އިން ބުނެ އެވެ.
އާރްޑީސީ އިން ބުނީ މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ރޯޝަނީ މަގުގެ ކޮންކްރީޓް ކީވޯލްގެ މަސައްކަތާއި ކާބްސްޓޯންގެ މަސައްކަތާއި ޕޭވިންގ ގެ މަސައްކަތްތަކަށް ވާންޖެހޭ ތައްޔާރީތައްވުން ކަމަށެވެ.
މުޅި މަޝްރޫއުގެ ސްޓޯމް ވޯޓަރގެ މަސައްކަތާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ޕްރޮކިއުމަންޓުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.
މީގެއިތުރުން މިހާރުވަނީ މުޅި މަޝްރޫއުގެ 81 އިންސައްތަ މަސައްކަތް ނިމިފައި ކަމަށް ވެސް އާރްޑީސީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް