ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލައިފި

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އުވާލައިފި އެވެ. ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން އެފްއޭ...

13 Aug 2021 | 11:24

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އުވާލައިފި އެވެ.

ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމް އިން ނިންމީ، ވަރލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ފަހު ގައުމީ ޓީމުގެ ކޯޗާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިގެން ދެ ފަރާތް އެއްބަސްވެގެން ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޯޗުގެ ކޮންޓްރެކްޓް އުވާލި ވާހަކަ މީޑިއާއާ ހިއްސާ ނުކޮށް އޮތް ސަބަބަކީ މި ދުވަސްވަރަކީ ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ ތަންކޮޅެއް ފޯރީގައި ދައްކަމުން އަންނަ ވަގުތެއް ކަމަށްވާތީ ކަމަށެވެ.

ކޯޗާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ނިމުނު ކޮލިފައިން ކަންތައްތަކަށް ބެލުމަށް ފަހު ބައެއް ކަހަލަ ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމާ އެކީ ދެން ކޯޗާ އެކު ބޭއްވުނު ބައްދަލުވުމުގައި އެއްބަސް ނުވެވުނު ކަންތައްތައް ވެސް ހުރިކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. އަދި އެހެންކަމުން ކޮންޓްރެކްޓް މިހާރުވާނީ ޓަރމިނޭޓް ކޮށްފައިވާނ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު، ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި އިރު، އޭނާއަށް އިތުރު 3 އަހަރުގެ ކޮންޓްރެކްޓެއް ދީފައިވަނީ އޭނާގެ އަޖުމަ ބަލައިލުމަށް ރަސްމީ މެޗެއް ނުލިބެނީހެވެ.

ގައުމީ ކޯޗަކަަށް ކޫޕްމަން ގެނައީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕީޓަރ ސެގަރޓް، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ވަކި ކުރުމަށް ފަހުއެވެ.

ފާއިތުވި ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ބިދޭސީ ފަސް ވަނަ ކޯޗަށް ކޫޕްމަން ވާއިރު، ސެގަރޓްގެ އިތުރުން ދެން ގައުމީ ޓީމަށް އެ މުއްދަތުގެ ތެރޭގައި އިރުޝާދު ދިނީ ވެލީޒާ ޕޮޕޯފް، ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް