ޝަރުތު ހަމަނުވާ ފަރާތްތަކަށް އިންކަމް ސަޕޯޓު ދީފައިވާނަމަ އަތުލަނީ

ޝަރުތު ހަމަނުވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފައިވާނަމަ އެ ފައިސާ އަނބުރާ ހޯދަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިކޮނޮމިކް މިނިސްޓްރީ އަށް އަންގައިފިއެވެ. އޮޑިޓް އޮފީހުން މިގޮތަށް އެންގީ އިނ...

13 Aug 2021 | 10:12

ޝަރުތު ހަމަނުވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެންސް ދީފައިވާނަމަ އެ ފައިސާ އަނބުރާ ހޯދަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިކޮނޮމިކް މިނިސްޓްރީ އަށް އަންގައިފިއެވެ.

އޮޑިޓް އޮފީހުން މިގޮތަށް އެންގީ އިންކަމް ސަޕޯޓް އެލަވެންސް ސްކީމްގެ ޕަފޯމަންސް އޮޑިޓް ރިޕޯޓުގައެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޯވިޑް-19 އާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން ދޫކުރި ފައިސާގެ އަދަދު މިހާރު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފަ އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އިންކަމް ސަޕޯޓް އެލަވަންސަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ޤައުމީ ފެންވަރުގައި ގާއިމްކުރެވިފައި ނުވުއެވެ. އަދި އެ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ކުރިމަތިވި ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނުވުމުގެ ސަބަބުން އެ ސްކީމުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދޭ ފަރާތަށް އެހެން އާމްދަނީ އެއް ލިބުނު ނަމަވެސް، އެކަން ދެނެގަނެވޭނެ އިންތިޒާމެއް ނެތްކަން ވަނީ ފާހަގަކޮށްފައިވެއެވެ. އަދި، ނަގުދު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތައް އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ނިޒާމެއް މުޅި ދައުލަތުގެ ފެންވަރުގައިވެސް ގާއިމުކުރެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންވެ އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމާއި އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވުމުގެ ހިރާސް އޮތްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި އިކޮނޮމިކް މިނިސްޓްރީ އަށް ބައެއް ކަންކަން އިސްލާހު ކުރުމަށް ލަފާދީފައެވެ.

އެގޮތުން އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ސާމްޕަލް އުސޫލުން ރިވިއުކޮށް، އެލަވަންސަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވިފައިވާނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން އަވަސް ކުރުމަށް ވަނީ އަންގާފައެވެ. އަދި ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅުމުގެ ސަބަބުން އެލަވަންސަށް ޝަރުތު ހަމަވެ، ފައިސާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސްކީމްތަކެއް ތައާރަފްކުރުމުގެ ބޭނުންޖެހިދާނެތީ، އެކަމަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އިގްތިސާދުގެ ރަސްމީ ދާއިރާއާއި ނުރަސްމީ ދާއިރާވެސް ހިމެނޭގޮތަށް، އެކި ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް، އެ ފަރާތްތަކާބެހޭ މައުލޫމާތު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އަންގާފައިވެއެވެ.

ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ދަތިތަކާ ކުރިމަތިވެ، ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކަށް ފައިސާ ދޫކުރެވުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ޤައުމީ ފެންވަރުގައި މިފަދަ ކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ވަނީ އަންގާފައެވެ.

އެފަދަ ކޮންމެ ސްކީމެއް ފެށުމުގެ ކުރިން، ކަމާބެހޭ ތަޖުރިބާކާރުންގެ އެހީގައި "ފްރޯޑް ރިސްކް އެސެސްމެންޓް" އަކާއި "އިންޓަނަލް ކޮންޓްރޯލް އެސެސްމެންޓް" އެއް ހެދުމަށް ވެސް ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް