އއ. ހިމަންދޫގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑަލައިފި އެވެ.
އެރަށު ކައުންސިލުން ބުނީ މިގޮތަށް ޢަމަލުކުރީ ކޮވިޑް-19 ހަލުހިކަމާއެކު ފެތުރެމުން ދާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ.
މި އޯގަސްޓު މަހުގެ 3 ވަނަ ދުވަހު އެރަށުން ކޮވިޑު ކޭސްތަކެއް ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، އެރަށް މޮނިޓަރިންގގެ ހާލަތައް ގެނެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފަ އެވެ.
ނަމަވެސް ހިމަންދޫގައި ކޯވިޑް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، އިއްޔެއާއި ހަމައަށް ނެގި 356 ސާމްޕަލްގެ ތެރެއިން 142 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
"ބަލި ކޮންޓްރޯލް ކުރުމަށް ރަށުލެވެލްގައި ކައުންސިލާ، ޓާސްކުފޯހާ ގުޅިގެން ގިނަގުނަ ފިޔަވަޅުތަކެއް މިދަނީ އަޅަމުން. އަދި މިއަދުގެ ފަތިސްނަމާދުން ފެށިގެން މިމަހު 19 ވަނަވާ ދުވަހުގެ ރޭ އިޝާ ނަމާދުގެ ނިޔަލަށް ހިމަންދޫ މަސްޖިދުލް އުލާގައި ފަރުޟު ނަމާދުތަކާ ހުކުރު ނަމާދުގެ ޖަމާއަތުގައިކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން މިކޮޅަށް ވަނީ އަންގަވާފަ." ހިމަންދޫ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ޤުރުއާން ކިޔަވާ، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް