ތެދުވެރިކަމާއެކު ރިޒުގު ހޯދަން އެދޭ މީހާ ހިއްމަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައިި ބުނެފި އެވެ.
"ރިޒުގު ހޯދުމަށް މަސައްކަތް ކުރުން" މި މަޢުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ރިޒުގު ހޯދުމަށް މަސައްކަތް ކުރުމަކީ މާތްﷲ އެކަލާނގެ ހެއްދެވި މަޚްލޫގުންގެ ކިބައިގާ ލައްވާފައިވާ ފިތުރީ ކަމެއް ކަމަށާއި ކޮންމެ ދުވަހަކު ހެނދުނު، ކޮންމެ މީހަކު ވެސް އެކަމަށްޓަކައި އަވަސްވެގަންނަތަން ފެންނަ ކަމަށެވެ.
"ކޮންމެ މީހަކު ވެސް އެމީހަކަށް މިންވަރުކުރައްވާފައިވާ ރިޒުގު ލިބޭތޯ މަސައްކަތް ކުރޭ. އެމީހަކަށް އެނގިފައިވާ މަސައްކަތެއް ކޮށްގެން. ނުވަތަ އެމީހަކަށް ލިބިފައިވާ މުދަލެއް ހޭދަކޮށްގެން. މިއީ ހުރިހާ މަޚްލޫގުންގެވެސް ހާލު. ދޫނިސުފާ ސޫފި ވެސް ހެނދުނުވުމުން އެސޮރުމެންގެ ހާލިތަކުން އުދުހިގެންދަނީ އެސޮރުމެންގެ މައްޗަށް މާތްﷲ އެދުވަހަކަށް ކަނޑައަޅުއްވާފައިވާ ރިޒުގު ހޯދުމަށް." ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ކާމިޔާބު މީހަކީ އޭނާގެ މަސައްކަތުން އޭނާގެ ހަޔާތް އާރާސްތުކުރާ މީހާ ކަމަށެވެ. އޭނާގެ ނިއްކުރިން އޮހެރޭ ދަލުން އޭނާގެ އުއްމީދުތަކުގެ އޮށްތަކަށް ފެންދީ ހައްދާ މީހާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް