ނީލަން ފިހާރައާ މެދު ދާއިމީ ހައްލެއް ގެންނަން އެބަ ޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ނީލަން ފިހާރައަކީ ވަރަށް ގިނަ މީހުން ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށާއި އެތަން ހިނގަމުން އަންނަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.
މޭޔަރ ވިދާޅުވީ ސިސްޓަމް ތެރެއަށް ނީލަން ފިހާރަ ވަންނަން ޖެހޭ ކަމަށާއި މާލޭ ކޮންމެ ސިޓީއެއްގަ ހެން ސެކަންޑް ހޭންޑް މާކެޓެއް އޮންނަ ކަމަށެވެ. އަދި އެއީ އެ ސިޓީއެއްގަ ފުރިހަމަ ނިޒާމެއްގެ ތެރެއިން ކަންތައްތައް ރޭވިގެން ހިނގާއިރުގަ ހަމަ ބޭނުންތެރި ކަމެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހައުސިންގ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މުއިއްޒު ވިދާޅުވީ ނީލަން ފިހާރައަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ހަމަޖައްސާފަ އެތަނަށް ބަދަލު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގެ ހުރަސް ތޮއްޓާ ދިމާލުން އެންމެ ކައިރިން ބިމެއް ކަނޑައަޅާފަ އާއްމުކޮށް އިއުލާނު ކޮށްގެން އެތަނަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ބަދަލުވުމުގެ ފުރުސަތުދީ އެގްރިމެންޓެއްގެ ދަށުން ކުލި ނަގައިގެން އެތަން ހިންގަން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ނީލަން ފިހާރައަކީ އެތައް ބައެއްގެ އާމްދަނީ އާ ގުޅި ލާމެހިފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެތަނަކީ ވަކި ސިސްޓަމެއްގެ ތެރެއިން ހިނގާ އަދި ދައުލަތަށް އާމްދަނީއެއް ލިބޭނެ ނަތަކަށް ހައްދަވާނެ ކަމަށެވެ. އަދި މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށްވެސް މާލޭގެ ނީލަން ފިހާރަ ހިންގަމުން އަންނަނީ ދައުލަތަށް، އެތަނުން އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް