2004 ވަނަ އަހަރުގެ އޯގަސްޓް 12،13 ގެ ޙާދިސާއަށް 11 އަހަރު ފުރެމުންދާއިރު، އަނެއްކާ ވެސް މިވަނީ 2008 ގެ ކުރިން އޮތް ޙާލަތަށް މި ޤައުމު ވެއްޓިފައިކަމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13ގެ ހާދިސާއަށް 11 އަހަރު ފުރުމާއިގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައވަނީ އަދި 7 ފެބްރުއަރީ 2012 ގެ ފަހުން ފުލުހުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުން ހައްދުފަހަނާޅާ ގޮސްފައިވުމާއި، ޤާނޫނާއި ޚިލާފަށް ރައްޔިތުން ހިފާ ހައްޔަރުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނިގުޅައި ގަނެ، ރައްޔިތުންގެ މައްޗަށް ނުޙައްޤު ދައުވާތައް އުފުލައި ބިރު ދައްކަމުން ދިއުމާއި ، މިނިވަން މީޑިއާ ނެތިކޮށްލުމަށް ޙަމަލާތައް ދިނުން އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރާ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމިންގެ ސިޔާސީ ވާދަވެރިން ނެތިކޮށްލުމުގެ މަސައްކަތްކުރުން ކުރުން މިއަދު މިވަނީ އާންމުވެގެން ގޮސްފައި، އެގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ނުހައްޤުން ޓެރަރިޒަމްގެ ދައުވާ ކޮށް 13 އަހަރަށް ޖަލަސްލުމަށް ނާއިންސާފުން ވަނީ ހުކުމްކޮށްފައި. އަދި ހަމައެއާއިއެކު މި ޕާޓީގެ ޗެއާރޕާރސަން ޢަލީ ވަޙީދު ވަނީ މިސަރުކާރުން ނުހައްޤުން ހައްޔަރުކޮށް އަދަބު ދޭނެކަމުގެ ބިރުދެއްކުމާއިއެކު ޤައުމު ދޫކުރައްވާ އަމިއްލައަށް އަރުވާލެވިގެންވާ ހާލަތުގައި، މީގެ އިތުރުން އެނޫންވެސް އެތަކެއް ސިޔާސީ ލީޑަރުންނާއި އާންމު އެތަކެއް ރައްޔިތުންގެ މައްޗަށް ނުހަޤުން ދައުވާތައް އުފުލާ ޖަލުގައި ހައްޔަރުކޮށް އަދަބުތައްދެމުންދާކަން ކަންބޮޑުވުމާއި އެކު ފާހަގަ ކުރަމު" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިކަން މިހެން އޮތްއިރުވެސް ރައްޔިތުން އުއްމީދު ނަގާނުލައި، ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ފަހަތަށް ނުޖެހި، ބިރު ފަހަނާޅާ ގޮސް ކުރަމުންދާ މަސައްކަތް ޝުކުރުވެރިކަމާއެކު އެމްޑީޕީން ފާހަގަކުރާ ކަމަށާއި އަދި ދިވެހިރައްޔިތުންގެ ފަރުދީ މިނިވަންކަމާއި އަސާސީ ޙައްޤުތައް ކަށަވަރުކޮށް މިރާއްޖޭގެ ޤާނޫނު އަސާސީ ހިމާޔަތްކުރުމުގައި އެމްޑީޕީން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް