އިނގުރައިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 1200 ކވ ޖަނަރޭޓަރެއް ފޮނުވަނީ
ރ.އިނގުރައިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ރަށަށް 1200 ކވ ގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އިނގުރައިދުއަށް 1200 ކވ ގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
އަދި އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ.ކޮލަމާފުށްޓަށް 750 ކވ ގެ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް މި މަހުގެ ދެވަނަ ދުވަހު ފެނަކައިން ބުނެފައިވެއެވެ.
މީގެއިތުރުން ފެނަކައިން އަންނަނީ ކައުންސިލުތަކާ ބައްދަލުކޮށް, ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެ ކޯޕަރޭޝަނުގެ އިސްވެރިން މި ފަހުން ވަނީ ށ.ފޭދޫ ކައުންސިލާއި ކ.ހުރާ ކައުންސިލާއި ގއ.ކޮލަމާފުށީ ކައުންސިލާއި ގއ.ދާންދޫ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް