އެމްޑީޕީގެ ތެރެއިން ލާދީނީ ފިކުރު ނެތިގެން ދިޔަކަމަށްޓަކައި އުފާ ކުރައްވާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ.މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ، ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މާފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސިޔާމް ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވީ ދީނަށް ފުރައްސާރަ ނުކުރާ، ދީނީ ކަންކަމަށް ބާރުއަޅާ ރައީސެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން މިއަދު އެމްޑީޕީއާއި އެމްޑީއޭއަށް ވަންނާނެ މީހުން ގިނަވެއްޖެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމް ވިދާޅުވީ ދުވަސްތަކެއް ކުރީގައި ރައީސް ޞާލިހު ވޮށިފިލާގަނޑެއް ހިއްޕަވައިގެން މާފުށީގައި ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތް ކިޔައިދެއްވި ކަމަށެވެ. އޭގެ ސަބަބުން ލިބުނު އެންމެ ބޮޑު އުފަލަކީ ރަށުގައި ތިބެ ލޯކަލް ޓޫރިޒަމް ކުރިއަށް ދިއުން ކަމަށާއި އެކަމުގެ އައިޑިއާ ދެއްވީ ރައީސް ޞާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ.
ކޮވިޑާއެކު ރާއްޖެ ފިޔަވާ އަވައްޓެރި ގައުމުތައް ފަގީރުވެ ބަނގުރޫޓުވެ ހަލާކުވެގެން ދިޔަކަމަށް ސިޔާމް ވިދާޅުވިއެވެ. އެއީ ވެރިންނަށް ކަންތައް ކުރަން ނޭނގުމާއި ވައްޓަފާޅި ނެތުމުގެ އަސަރު ކަމަށް ސިޔާމް ފާހަގަ ކުރެއްވިއެވެ.
ކުރިއަށް އޮތް އަހަރުގައި ރައީސް ޞާލިހުގެ ޓާގެޓަމީ މިހާރު ލިބޭ28 މިލިއަން ދެގުނަ ކޮށްލައި40 މިލިއަނަށް ހަދާލުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް