ގުރައިދޫ ބިން ހިއްކުމުންވެސް ކައުންސިލުން ގޯތި ނުދޭތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

ކ. ގުރައިދޫގެ ބިން ހިއްކުމުންވެސް ކައުންސިލުން ގޯތި ދޫ ނުކުރާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަ...

13 Jul 2023 | 15:05

ކ. ގުރައިދޫގެ ބިން ހިއްކުމުންވެސް ކައުންސިލުން ގޯތި ދޫ ނުކުރާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގުރައިދޫއަކީ އަބަދުވެސް ތަރައްގީއަށް ލޯބިކުރާ މީހުން އުޅޭ ރަށެއް ކަމަށެވެ. އަދި އަބަދުވެސް ގުރައިދޫ ރައްޔިތުން ކުރިއަށް ދަނީ ތަރައްގީއާއެކުގައި ކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދޭ ކަންތައްތައް ގުރައިދޫ ރައްޔިތުން ބަލައިގެންފި ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2018 ވަނަ އަހަރު ވަނަ އަހަރު ގުރައިދޫއިން އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނު ނަމަވެސް އޭގެ ފަހުން ބޭއްވި ބައި އިލެކްޝަންގައި އެ ކުލަ ބަދަލުވެ، މިހާރު ގުރައިދޫއިން މި ސަރުކާރަށް ބޮޑުކޮށް ތާއީދު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގުޅިވެސް ބަދަލުވެއްޖެ. ގުރައިދޫވެސް ބަދަލުވެއްޖެ. މާފުށި ބޮޑުތަކުން ބަދަލުވެއްޖެ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް އުފާވެރިކަމާއި އަމާންކަން ގެނައުމުގައި ގުރައިދޫ ދާއިރާ ބޮޑުކޮށް މިފަހަރު އެމްޑީޕީއާއެކު އޮންނާނެ ކަމަށެވެ.

2018 ވަނަ އަހަރު ގުރައިދޫ ދާއިރާއަށައި ގުރައިދޫއަށް ވީ ވައުދުތައް ފުުއްދަމުން ދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރެއިން ބިން ހިއްކައި، ޕިކްނިކް އައިލެންޑްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ބިން ކަނޑާ، ރައްޔިތުންނަށް ދޫކުރުމަކީ ކައުންސިލްގެ ޒިންމާގައި އޮތް ކަމެއކަމަށް ވީއިރު، ގުރައިދޫގެ ބިން ހިއްކުމުންވެސް ގޯތި ދޫނުކޮށް އޮތުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޮޑު ބިމެއް ހިއްކާދީފައި ވާއިރު އަދި ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވާއިރު ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަދި އެކަން ކައުންސިލަށް ނުކުރެވޭނަމަ، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގުރައިދޫގައި ފްލެޓް ނޫންނަމަ ރޯހައުސް އެޅުމަށް ކުރިއަށް އޮތް މެނިފެސްޓޯގައި ހިމަނާނެ ކަމަށާއި އަދި ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒު ގާއިމު ކޮށްދެއްވަނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް