ޕީޕީއެމްއަކީ ކަރަންޓީނު ކުރަންޖެހޭ ޕާޓީއެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނާއިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖއެވެ.
މައުރޫފް މިހެން ވިދާޅުވީ، ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މާފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމްއެއްގައި ވާހަކަ ދައްކަން އުންމީދު ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ޕީޕީއެމްއާއެކު ހެދި ކޯލިޝަން ސަރުކާރާއެކީގައި ކުރި ހިތި ތަޖުރިބާއާއެކު، އެމްޑީޕީއާ ގުޅުނީ ކަމަށެވެ.
ތިން ޕާޓީ އެކުވެގެން ރައީސް ޞާލިހު ވެރިކަމަށް ގެންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ޕީޕީއެމްއާއެކު ކޯލިޝަންހަދައި، އެކަން ހުއްޓުނީ ނޭދެވޭ ކަންތައްތައް ކުރަންފެށުމުން ކަމަށް މައުރޫފް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން ސިޔާދީ ވެރިން ހުރަގެއަށް ލުމަކީ. އަޅުގަނޑުމެން އެދޭ ކަންތައްތަކަކީ އދ އާ ގުޅުން ކަނޑާލުމަކީ. އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން ޔޫރަޕިއަންއާ އޮތް ގާތްކަން ދުރުވެގެން ދިއުމަކީ. އަޅުގަނޑުމެން އެދޭކަމެއް ނޫން ކޮމަންވެލްތުން ވަކިވެގެން ދިއުމަކީ" މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ރައީސް ޞާލިހު ވެރިކަމާ ހަވާލުވެ ކުރައްވަނީ ހެޔޮ ވެރިކަމެއްތޯ ނޫނީ އަނިޔާވެރި ވެރިކަމެއްތޯ ބެއްލެވި ކަމަށާއި އެގޮތުން ފެނިގެން ދިޔައީ ރާއްޖޭގެ އިގްތިޞާދު ބިނާކޮށް، އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށް ނުލާ، ވިޔަފާރިވެރިންނަށް ދައްޗެއް ނުކޮށް ވެރިކަން ކުރިތަން ކަމަށެވެ.
ޕީޕީއެމުން ކޯލިޝަން ހެދުމަށްޓަކައި އެމްޑީއޭއާ ވާހަކަ ދެއްކިކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ދެއްކުމަށް އެމްޑީއޭއިން އެދުނު ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ ޖިނާއީ ކުށެއް ކޮށްގެން ހުރަގެއަށްލާފައިވާ ބޭފުޅެއްކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ސިފަކުރެއްވި ގޮތުގައި ޕީޕީއެމްއަކީ ކަރަންޓީނު ކުރަންޖެހޭ ޕާޓީއެކެވެ.
"އެއީ ކުރީޒަމާނުގަވެސް ޠޯޢޫން ބަލި އުފެދިއްޖިއްޔާ އެބައިމީހުންނަކާ އެއްވެސް ބަޔަކު ކައިރިއެއް ނުވާނެ. އެގޮތަށް މިއަދު ސިޔާސީ ގޮތުން އަޅުގަނޑު ބުނާނީ އެއްވެސް ބަޔަކު ޕީޕީއެމްއަކާ ކައިރިއެއް ނުވާނޭ" މައުރޫފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް