ހިސާބުތަކުން ދައްކާގޮތުން އެއްބުރުން ރައީސް ޞާލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ގުޅީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖާބިރު ވިދާޅުވީ މިހާރު އެމަނިކުފާނަކީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރެއް ކަމަށާއި މިހާރު ތައްޔާރަށް ހުރީ ރާއްޖޭގެ ރައީސްކަން ކުރިއަށް އޮތް ދައުރުގައިވެސް އެއްބުރުން އިބްރާހިމް މުހައްމަދު ޞާލިހަށް ހޯދައިދޭން ކަމަށެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ކުރިން ގުޅީގެ ފެން ވަނީ ތަޣައްޔަރު ވެފައި ކަމަށާއި މިއަދު ގުޅީގައި ހުރީ ސާފު ފެން ކަމަށެވެ. ހަމައެފަދައިން މުޅި ރާއްޖޭގެ ފެންވެސް ތަޣައްޔަރު ވެފައި ވަނިކޮށް މި ސަރުކާރުން އެ މައްސަލައަށް ހައްލު ގެނެސްދެއްވާފއިވާ ކަމަށެވެ.
ހިސާބު އިލްމުވެރިއެއް ކަމަށް އަމިއްލައަށް ގަބޫލުކޮށްގެން ހުރި ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ ހިސާބުތަކުން ދައްކާ ގޮތުގައި އެއްބުރުން ރާއްޖޭގެ ވެރިކަން ރައްޔިތުން ބޭނުން ވަނީ އިބްރާހިމް މުހައްމަދު ޞާލިހަށް ދޭން ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ޑޮލަރުން ތަޅާ ބަލިކޮށްގެންވިޔަސް މި އިންތިހާބު އަޅުގަނޑުމެން ނަގާނަމޭ އެއްބުރުން" ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް